މުނިފޫހި ފިލުވުމުގެ ދާއިރާގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ހަފްލާއަކީ މެޓް ގާލާ އެވެ. އެ ހަފްލާއަކީ ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވާ ހަފްލާ އެކެވެ

އެގޮތުން ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއަކީ ދެތިން ފަހަރަކު މެޓް ގާލާގެ ރެޑް ކާޕެޓުން ފެނިފައިވާ ތަރި އެކެވެ. އެހެން ނަމަވެސް މިއަހަރުގެ މެޓް ގާލާއިން އޭނާ ނުފެންނާނެކަން ޕްރިޔަންކާ މިވަނީ ހާމަކޮށްފަ އެވެ.

އެކްސެސް ހޮލީވުޑަށް ދިން އިންޓަވިއުއެއްގައި މެޓް ގާލާއާ ބެހޭ ގޮތުން ސުވާލު ކުރެވުމުން ޕްރިޔަންކާ ބުނީ މިއަހަރު ހަފްލާއަށް ދަނީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި މިވަގުތު ފިލްމެއް ޝޫޓް ކުރަމުންދާތީ އޭނާއަށް ނުދެވޭނެ ކަމެށެވެ.

މެޓް ގާލާއަކީ ކޮންމެ އަަހަރަކު ވެސް ޝައުގުވެރި އެތައް ކަމެއް ފެންނަ ހަފްލާއެއްކަން ފާހަގަ ކުރަމުން ޕްރިޔަންކާ ބުނީ މި އަހަރު އޭނާ ބޭނުންވަނީ ރެޑް ކާޕެޓުން ޒެންޑާޔާ ދެކިލުމަށް ކަމަށެވެ.

ޕްރިޔަންކާގެ އަޑުން އަޑު އަޅާފައިވާ ފިލްމު ޓައިގާގެ ޕްރޮމޯޝަންތައް ކުރިއަށް ދާއިރު އޭނާ މިހާރު އުޅެނީ ކުރިއަށް އޮތް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޝޫޓިންގަ އެވެ.