ބ. އޭދަފުށީގެ ކުނި މެނޭޖްކުރާ މަރުކަޒު، ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޅަން ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންއާ ހަވާލުކޮށްފި އެވެ.

މިމަހުގެ ދެވަނަ ދުވަހު ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 3,152,229.91 ރުފިޔާ އެވެ. އަދި މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް (ހަ މަސް ދުވަސް) ތެރޭގަ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު ނިމުމުން، ރަށުފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒުން (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ވަންދޫގައި ހުންނަ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން އޭދަފޫށިގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނިން ކާދު ތައްޔާރުކުރެވޭ ސެމީ އޮޓަމޭޓަޑް ސިސްޓަމެއް ވެސް ތައާރަފު ކުރެވިގެންދާނެ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އޭދުފުށީގައި މިހާރު ކުނި ނައްތާލަން. ފޮޓޯ: އެންވަޔަރުމަންޓް މިނިސްޓްރީ

އޭދަފުށީގައި ގާއިމުކުރާ ނިޒާމާއެކު ރަށުގައި ކުނި އެންދުމާއި ޖަމާވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ

އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ގާއިމުވުމުން ސިއްހަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

އެ މަޝްރޫޢު ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ޒޯން 2، 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.