ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ ވަލީދު މިއަދު އައްޔަންކުރައްވައިފި އެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމަށް ހީނާ ވަލީދު ޢައްޔަންކުރައްވާފައިވަނީ، އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ވަލީދު ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކަށް ހީނާ ޚިދުމަތްކުރައްވާފައިވެ އެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް ހީނާ ވަނީ އަދާކުރައްވާފަ އެވެ.

ޗީފް ސްޕޯކްސްޕާސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.

މި ސަރުކާރުން ޗީފް ސްޕޯކްސްޕާސަން ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މުހައްމަދު ޝަހީބެވެ. ނަމަވެސް ނިއުސްކޮންފަރެންސްތަކުގައި ޝަހީބު އަމަލުކުރައްވާގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭނާ ވަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފަ އެވެ.