ނެޓްފްލިކްސްއިން ދައްކަމުން އަންނަ ކޮމެޑީ ޝޯ، ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯގެ މިހަފްތާގެ މެހެމާނެއްގެ ގޮތުގައި ފެންނާނީ ބޮލީވުޑްގެ ޕާފެކްޝަނިސްޓް އާމިރު ޚާނެވެ.
އާމިރްގެ އެޕިސޯޑުގެ ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު އެ ޓްރެއިލާގައި އާއްމުން ޝައުގުވެރިވާނެ ފަދަ އެތައް ވާހަކަތަކެއް ދެކެވިފައިވެ އެވެ.
އެގޮތުން ތިންވަނަ ކައިވެންޏެއް ކޮށްފާނަންތޯ ކަޕިލް ސުވާލު ކުރުމުން އާމިރު ވަނީ ވަރަށް ކުޅަދާނަ ކަމާއެކު އެ ސުވާލަށް ޖަވާބު ނުދީ ފުއްދާލާފަ އެވެ. އެ ސުވާލު ކުރުމުން އާމިރު ބުނީ މިހާރު ކަޕިލް ވެސް ކައިވެނި ކުރަން ވެއްޖެ ކަމަށެވެ.
އާމިރު ދެ ފަހަރެއްގެ މަތިން ކައިވެނިކުރި އިރު އެ ދެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. އެއީ ރީނާ ދައްތާއާއެކު ކުރެވުނު ކައިވެންޏާއި ކިރަން ރާއޯއާއެކު ކުރެވުނު ކައިވެންޏެވެ.
މީގެ އިތުރުން ވެސް އާމިރު ވަނީ އޭނާ އެވޯޑު ހަފްލާތަކަށް ނުދާ ސަބަބު ވެސް ބުނެދީފަ އެވެ. އޭނާ ބުނީ އޭނާގެ ވަގުތަކީ ވަރަށް ހާއްސަ އެއްޗެއް ކަމަށާއި ވަގުތު ހޭދަކުރަން ވާނީ ވިސްނުންތެރިކަމާއެކު ކަމަށެވެ.
އާމިރު ޚާންގެ މި އެޕިސޯޑު ނެޓްފްލިކްސްއަށް ރިލީޒް ކުރެވޭނީ މިއަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް ހަބަރުތައް ބުނެ އެވެ.