މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާ އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު ވަނީ މިދިޔަ އަހަރުގެ މާޗު މަހު އިމްޕޯޓްކުރި މިންވަރާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު ތިން ޕަސެންޓް ދަށްފަ އެވެ. މިދިޔަ އަހަރުގެ މާޗު މަހު އާމްދަނީގެ ގޮތުގައި 330 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 320 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ މާޗް މަހު އެކްސްޕޯޓްކޮށްފައި ވަނީ 124 މިލިއަން ރުފިޔާގެ މުދަލެވެ. އަދި 2023 ވަނަ އަހަރުގެ މާޗް މަހު 343 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 64 ޕަސެންޓްގެ ދަށްވުމެކެވެ.

މާޗް މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް:

  • އޮމާން - 777 މިލިއަން ރުފިޔާގެ މުދާ
  • އިންޑިއާ - 763 މިލިއަން ރުފިޔާގެ މުދާ
  • ޔޫއޭއީ - 671 މިލިއަން ރުފިޔާގެ މުދާ
  • ޗައިނާ - 440 މިލިއަން ރުފިޔާގެ މުދާ
  • ސިންގަޕޯ - 401 މިލިއަން ރުފިޔާގެ މުދާ

މި މުއްދަތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑަށެވެ. އެއީ އެއީ އެކްސްޕޯޓުގެ 33 ޕަސެންޓްގެ މުދަލެވެ. އިނގިރޭސިވިލާތައް 22 ޕަސެންޓްގެ މުދާ، ޖަރުމަނަށް 10 ޕަސެންޓް މުދާ، އިންޑިއާއަށް ހަ ޕަސެންޓް މުދާ އަދި ފްރާންސަށް ފަސް ޕަސެންޓް މުދާ އެކްސްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.