ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ސިމް ނެގުން ފަދަ ކަންކަން ހުއްޓުވުމަށް ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ (ޑީއެންއާރް)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ އެވެ. އަދި ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރުގެ ނައިބު އަހުމަދު ޣާލީ އެވެ.

ދިރާގުން ބުނިގޮތުގައި މި އެމްއޯޔޫގައި ސޮއިކުރުމާ ގުޅިގެން، ދިރާގުން ޑީއެންއާރު މެދުވެރިކޮށް، ހިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ގައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށްވުރެ ރަނގަޅުވެގެން ވެސް ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ސޮއި ކުރެވުނު ފަހުމުނާމާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމާތްތެރިކަން ލިބިގެންދާނެކަން ޔަޤީން. އަދި މި ފުރުސަތުގައި ޑީ.އެން.އާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެން،" ޣާލީ ވިދާޅުވި އެވެ.

ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވިދާޅުވީ މިއަދު ސޮއިކުރި ފަހުމުނާމާގެ ސަބަބުން ކަސްޓަމަރުންނާމެދު ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މިފަދަ މުހިންމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދީ، އެފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަޤީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ޚިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަގީން،" މަސްއޫދު ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ'އަކަށް އެފަރާތްތައް ވާސިލްކޮށްދިނުމަށެވެ.