ބޮލީވުޑްގައި ނުފޫޒުގެ ބޭނުންކޮށްގެން އެކި ކަންތައްތައް ކުރާ ވާހަކައަކީ އިންޑިއާގެ މީޑިއާތަކުގައި ވަރަށް އާއްމުކޮށް ދެކެވޭ ވާހަކަ އެކެވެ. އާއިލީ ގުޅުންތަކުގެ ބޭނުންކޮށްގެން އެކި ފައިދާތައް ހޯދާ ވާހަކަ އަބަދުވެސް ދެކެވެ އެވެ.

އެގޮތުން ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ ދެބެންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ޕަރިނީތީ ޗޯޕްރާ ބޮލީވުޑުން ކުރިއަށް ދިއުމުގައި ޕްރިޔަންކާގެ ނުފޫޒު ބޭނުންކުރިކަމަށް އޭނާއަށް ތުހުމަތު ކުރެވެ އެވެ.

ދާދި ފަހުން ބޭއްވި ޕޮޑްކާސްޓެއްގައި ޕަރިނީތީ ވަނީ އެގޮތަށް އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފަ އެވެ.

ޕަރިނީތީ ބުނީ ބޮލީވުޑްގެ ތަރިއެއްގެ އާއިލާ މެމްބަރަކަށް ވެގެން އެހީވެވޭނީ އެންމެ ފުރަތަމަ ފިލްމު ހޯދަން ކަމަށާއި އޭގެ ފަހުން އެއީ އަމިއްލަ ދަތުރެއް ކަމަށެވެ.

އެގޮތުން ފުރަތަމަ ފިލްމަށްފަހު ބެލުންތެރިންނާއި ޕްރޮޑިއުސަރުން އެމީހެއްގެ ހުނަރަށް އިންސާފު ކުރާނެ ކަމަށާއި ބޮލީވުޑްގައި ކާމިޔާބީ ބިނާވަނީ އެކަމަށް ކަމަށެވެ.

މިހާރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ނުކުތް ޕަރިނީތީގެ ފިލްމަކީ އިމްތިއާޒް އަލީގެ "އަމަރް ސިންހް ޗަމްކީލާ" އެވެ.