ބޮލީވުޑްގެ ތަރި އަރްބާޒް ޚާންއާ ބެހޭ ގޮތުން އޭނާގެ ކުރީގެ އަނބިމީހާ މަލައިކާ އަރޯރާ ދެއްކި ވާހަކަތަކަށް އަރްބާޒް ހޫނު ރައްދެއް ދީފި އެވެ.

އަރްބާޒްއާއި މަލައިކާގެ ދަރިފުޅު އަރްހާންގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން މަލައިކާ ބުނެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާއަކީ ކަންކަން ނިންމަން އުނދަގޫ މީހެއް ކަމަށެވެ.

އެއާއެކު އަރްހާންއަށް ވެސް އޭނާގެ ބައްޕަގެ ފަރާތުން އެ ގޯސް ސިފަ ލިބިފައިވާ ކަމަށް ވެސް އެ އެޕިސޯޑުގައި މަލައިކާ ބުނެފައިވެ އެވެ.

މި އިންޓަވިއުއާ ބެހޭ ގޮތުން އަރްބާޒް ބުނީ އެއީ މަލައިކާގެ ހިޔާލު ކަމަށާއި އެކަމަށް އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.

އެއާއެކު އެއީ މަންމައަކާއި ދަރިއެއްގެ ދެމެދުގައި ދެކެވުނު ވާހަކައެއް ކަމަށާއި އެކަމަށް އޭނާ ވަންނަން ބޭނުންނުވާ ކަމަށް ވެސް އަރުބާޒް ބުންޏެވެ.

ގިނަ އަހަރުތަކެއް ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު އަރްބާޒްއާއި މަލައިކާ ވަރިވެފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.