ސޯނާލީ ބެންޑްރޭއަކީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ކެންސަރު ބަލީގެ ވާހަކަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީޑިއާގައި ދައްކާ ފަންނާނެކެވެ.

އެގޮތުން ދާދި ފަހުން ވެސް ސޮނާލީ މިވަނީ އެ ތަޖުރިބާގެ ވާހަކަ "ހިއުމަންސް އޮފް ބޮމްބޭ" ޕޮޑްކާސްޓްގެ ޒަރީއާއިން އާއްމުންނާ ހިއްސާ ކޮށްފަ އެވެ.

ސޮނާލީ ބުނީ 2018 ވަނަ އަހަރު އެންމެ ފުރަތަމަ އޭނާއަށް ކެންސަރު ޖެހިފައިވާ ކަން އެނގުމުން އެހާލަތު އޭނާއަށް ދިމާވީ ކީއްވެގެންތޯ ސުވާލު ކުރެވުނު ކަމަށެވެ. އަދި އެއީ ބިރުވެރި ހުވަފެނެއް ހެން ވެސް ހީވި ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެކަމާ މެދު ރަނގަޅަށް ވިސްނާލުމުން އެ ހާލަތު އޭނާގެ ދައްތައަށް ނުވަތަ ދަރިފުޅަށް ނުޖެހުނު ކަމަށްޓަކައި ޝުުކުރުވެރިވި ކަމަށާއި އެހިސާބުން އެކަމާ މެދު ދެކޭ ގޮތް ތަފާތުވި ކަމަށް ވެސް ސޮނާލީ ބުނެފައިވެ އެވެ.

އެއާއެކު އޭނާ ބުނީ ލިބިފައިވާ ދިރިއުޅުމާ މެދު ޝުކުރުވެރިވާން އޭނާއަށް ދަސްވި ކަމަށާއި ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތަކުގެ ސަބަބުން އޭނާގެ ދަތުރު ފަސޭހަވި ކަމަށެވެ.

އެމެރިކާގެ ނިއުޔޯކް ހޮސްޕިޓަލުގައި ތިން އަހަރު ދުވަހު މެޓިސްޓިކް ކެންސަރުގެ ސްޓޭޖް 4 އަށް ފަރުވާ ހޯދުމަށްފަހު އެ ބަލިން އޭނާ ސަލާމަތްވީ 2021 ވަނަ އަހަރު އެވެ.

އެއަށްފަހު އޭނާ ވަނީ ފިލްމްތަކަށް އަނބުރާ އައިސްފަ އެވެ. އެގޮތުން ދެން އޭނާ އެންމެ އަވަހަށް ފެންނާނީ ނިއުޑސްރޫމް ސީރީޒް "ދަ ބްރޯކަން ނިއުސް"އިންނެވެ.