މީނާކްޝީ ސެޝާދަރަަކީ 1980 އާއި 90ގެ ކުރީކޮޅު ބޮލީވުޑްގެ ފިލްމުތަކުން އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި ތަރި އެކެވެ. ކައިވެންޏަށްފަހު އޭނާ ވަނީ ބޮލީވުޑް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އެކި ސަބަބުތަކަށްޓަކައި މީނާކްޝީއާއި އޭރުގެ މަގުބޫލު އެހެން ތަރިއެއް ކަމަށްވާ މާދޫރީ ޑިކްސިޓްއާ ދެމެދު އަޅާކިޔުންތައް ގިނަ އެވެ. މިކަމާ ބެހޭ ގޮތުން އޭރު އެ ދެތަރިން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

އެހެން ނަމަވެސް އަހަރުތަކަކަށްފަހު މީނާކްޝީ ބޮލީވުޑަށް އަނބުރާ އަންނަން ނިންމާފައިވާއިރު ތައުރީފާއެކު ގިނަ ބައެއްގެ ފާޑުކިޔުންވެސް މިވަނީ އަމާޒުވެފަ އެވެ.

އެގޮތުން އޭނާ ބޮލީވުޑަށް އަންނަނީ މެދު އުމުރުގައި ކުރާނެ ކަމެއް ނެތިގެން ކަމަށާއި ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މާދޫރީއާ އަރާ ހަމަ ނުކުރެވޭނެ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން މީނާކްޝީ މިވަނީ މި ފާޑުކިޔުންތަކަށް ރައްދެއް ދީފަ އެވެ. އޭނާ ބުނީ އެ ދެތަރިންނަކީ ވެސް ވަކި ދެ މީހުން ކަމަށާއި އޭނާ މަދޫރީއަށް ނުވެވޭނެ ފަދައިން މަދޫރީ ވެސް އޭނާއަށް ނުވެވޭނެ ކަމަށެވެ.

ހަމައެއާއެކު ޕްލާސްޓިކް ސާޖަރީ ހަދައި ޖިސްމާނީ ސިފަތައް ބަދަލު ކުރަން ބުނެ މީހުން ކުރާ މަލާމާތަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެސް މީނާކްޝީ ބުންޏެވެ.

މީނާކްޝީ އާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ 1993 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ދާމިނީ"ގައި އޭނާ ދައްކުވައިދިން ރޯލުގެ ސަބަބުންނެވެ.