މަތިންދާ ބޯޓަކަށް އަރާއިރު އެންމެ ފުރަތަމަ ފާހަގަވަނީ ދޮރު ކައިރީގައި މަރުހަބާ ކިޔަން ހުންނަ ކެބިން ކްރޫ އެވެ. ކެބިން ކްރޫގެ ހިތްހެޔޮކަމާއި އެހީތެރިކަމުން މުޅި ދަތުރުގެ ތަޖުރިބާ ތަފާތުވެ އެވެ.

އެހެން ނަމަވެސް މި ހިތްހެޔޮކަމާއި އޯގާތެރިކަން ރޮބޮޓެއްގެ ފަރާތުން ލިބިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ މިއީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ފެންނާނެ މަންޒަރެކެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންގެ ލަގަބު ހޯދާފައިވާ ގަތަރު އެއާވޭސްއިން މިވަނީ އިންސާނެކޭ އެއްފަދައިން މަސައްކަތްކުރާ އާޓިފިޝަލް އިންޓެލިޖެންސް ހިއުމަނޮއިޑް ކެބިން ކްރޫ ރޮބޮޓެއް ތައާރަފް ކުރަން ނިންމާފަ އެވެ.

ސަމާ 2.0ގެ ނަމުން ނަން ދީފައިވާ މި އޭއައި ރޮބޮޓް ފުރަތަމަ ފަހަރަށް ދައްކާލަން ހަމަޖެހިފައިވަނީ މިމަހުގެ 6 ން 9 އަކަށް ދުބާއީގައި ކުރިއަށްދާ މި އަހަރުގެ އަރަބިއަން ޓްރެވަލް މާކެޓްގެ ތެރެއިންނެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަމާ 2.0އަކީ ކެބިން ކްރޫއިން ދޭ ހުރިހާ ހިދުމަތެއް ދެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޓެކްނޮލޮޖީ އެކެވެ.

ގަތަރު އެއާވޭސްއަކީ ދުނިޔޭގެ އެއްވަނަ އެއާލައިންގެ ލަގަބު އެތައް އަހަރަކު ހޯދާފައިވާ ފަސްޓް ކްލާސް ފެންވަރުގޭެ އެއާލައިން އެކެވެ.