ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވަމުން ދާތީ ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަޝްރޫއުތައް މަޑުޖައްސާލަން މެރިން ރިސާޗް އިންސްޓިޓިއުޓުން އެދިފައިވާ އެދުމަށް ސަރުކާރުން އިޖާބަ ނުދޭނެ ކަމަށް ނުސީދާ ގޮތެއްގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެ އެވެ.
ފިޝަރީޒް އެންޑް އޯޝަސް ރިސޯސަސް މިނިސްޓްރީގެ ދަށުން ހިންގާ އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވާ ގާ ހުދުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑަކަށް އަސަރު ކުރާނެ ކަމެއް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ދިވެހިންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިފައި ވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
އޮންލައިން ނޫހެއްގައި ލިޔެފައިވާ މި ހަބަރުގެ ސްކްރީން ޝޮޓަކާއެކު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނައީމް ވިދާޅުވީ "ކަހާތަން ހިރުވާވެސް ނުލާނެ" ކަމަށެވެ.
ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން އެ ބަހުގެ މާނައަކީ މީހަކު ނުވަތަ ބަޔަކު ދައްކާ ވާހަކައަކަށް އެ ވާހަކައެއް ރައްދުވާ ފަރާތުން ދެނަހުރި ކަމަށް ވެސް ނެހެދުމެވެ.
މެރިން ރިސާޗް އިންސްޓިއުޓުން ބުނިގޮތުގައި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާ ހުދުވި ހަތަރު ވަނަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔެއަށް ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވި ދެވަނަ ފަހަރު ކަމަށް އެ ބަޔާނުގައިވެ އެވެ.
ގާތައް ހުދުވުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށް ކޮށްފާނެ ކަމެއް ކަމަށް އެ އިންސްޓިއުޓުން ބުންޏެވެ.
މިފަދަ ނުރައްކާތެރި އިންޒާރެއް ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން ދީފައިވާއިރު، މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އަދި ސަރުކާރުގެ އެއްވެސް ބޭފުޅަކު މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ދާން ކެހެނީ ކުރިޔަށް ފަހަތަކަށް ނޫން ހުއްޓާލންވީ ވެލިބެޑު ( ބަންޑު ވޯލް ) ނުޖަހާ ހިއްކުމާ ކޮނުމެވެ