ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ"ގައި އުރުދޫ ބަހަށް ކުޑައިމީސް ކޮށްފައިވާ ކަމަށް ބުނެ ޕާކިސްތާނުގެ ބައެއް އެކްޓަރުން ފާޑުކިޔައިފި އެވެ.

އެގައުމުގެ ފަންނާނެއް ކަމަށްވާ ޝަޒީން ޚާން އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ސްޓޯރީއެއްގައި ބުނެފައިވަނީ އެ ސީރީޒްގައި އެކްޓަރު ފަރީދާ ޖަލާލް ފިޔަވައި އެހެން އެއްވެސް އެކްޓަރެއްގެ ފަރާތުން އުރުދޫގެ ރަނގަޅު ގަވާއިދު ބޭނުން ކޮށްފައިވާ މަންޒަރު ނުފެންނަ ކަމަށެވެ.

އެގޮތުން ފިލްމުގެ ގިނަ އެކްޓަރުން އުރުދޫ އަކުރުތަކުގެ އަޑާއި މަހްރަޖު ބޭނުން ކޮށްފައިވަނީ މުޅިން ނުބައިކޮށް ކަން ޝަޒީން ފާހަގަކުރި އެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ ބޮލީވުޑްގެ އުފެއްދުންތަކުގައި އުރުދޫއަށް ކުޑައިމީސް ކުރެވޭ ކަމަށް ބުނެ ޝަޒީންގެ ބަހަށް ތާއީދު ކުރަމުންނެވެ.

ބަންސާލީގެ "ހީރާމަންޑީ" ނެޓްފްލިކްސްގައި ރިލީޒް ކުރެވިފައިވާއިރު އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން އަންނަނީ އެކި ކަހަލަ ފާޑުކިޔުންތައް ލިބެމުންނެވެ.