ސޮނީ ޓީވީއިން ދައްކާ ކޮމެޑީ ޝޯއެއް ކަމަށްވާ "މޭޑްނެސް މަޗާއޭންގޭ"ގެ އެޕިސޯޑެއްގައި ޑައިރެކްޓަރު ކަރަން ޖޯހަރުއަށް ފުރައްސާރަކުރި ކަމަށް ބުނެ އޭނާ ނުރުހުން ފާޅުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ހިއްސާކުރި އިންސްޓަގްރާމް ސްޓޯރީއެއްގައި ކަރަން ބުނީ އޭނާއަށް ބޭއިހުތިރާމްކޮށް ކުޑައިމީސްވާ ގޮތަށް ފުރައްސާރަ ކޮށްފައިވާ ވީޑިއޯއެއް ޓީވީއިން ފެނުނީ އޭނާގެ މަންމަވެސް ކައިރީގައި އިންދާ ކަމަށެވެ.

"މިކަހަލަ ކަންކަން އުއްމީދު ކުރެވެނީ ބޭރު މީހުންގެ ފަރާތުން. 25 އަހަރު މި ދާއިރާގައި އުޅުނު މީހަކަށް މިގޮތަށް ދާއިރާގެ މީހުން ބޭއިހުތިރާމު ކުރުމުން އަންނަނީ ރުޅިއެއް ނޫން، ވަނީ ދެރަ" ކަރަން ބުންޏެވެ.

"މޭޑްނެސް މަޗާއޭންގޭ"ގެ ޓްރެއިލާއެއްގައި ފެންނަނީ އެ ޝޯގެ ބައިވެރިއެއް ކަމަށްވާ ކޭތަން ސިންހް މަޖާ ގޮތަކަށް ކަރަން އުޅޭ ގޮތް ނަކަލުކުރާ މަންޒަރެވެ.

ކަރަންގެ ނުރުހުން އަމާޒުވުމާއެކު ކޭތަން ވަނީ ބޭނުމަކަށްވީ ކަރަންއަށް ކުޑައިމީސް ކުރުން ނޫން ކަމަށް ބުނެ އެއްވެސް ގޮތަކުން ކަރަންއަށް ދެރައެއް ކުރިމަތިވިނަމަ އޭނާގެ ކިބައިން މައާފަށް އެދިފަ އެވެ.