ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދ. މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ފ. ނިލަންދުއަށް ބަދަލުކުރަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސައި މެދު ރާއްޖޭގައި އަޅަން ނިންމާފައިވާ މަސް ފެކްޓަރީ ނިލަންދުއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
"މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއާ ޓީމެއް ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފި،" ފިޝަރީޒް މިނިސްޓްރީން ކުރި ޕޯސްޓުގައިވެ އެވެ.
އެ މަސްފެކްޓަރީ ނިލަންދުއަށް ބަދަލުކުރަން ނިންމާފައިވަނީ މާދެލި ހިމެނޭހެން ތިން ރަށެގައި މަސްފެކްޓަރީ އަޅަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ، "ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން" އާ އެ މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނިކޮށެވެ.
ފިޝަރީޒް މިނިސްރީން ބުނީ އެ މަޝްރޫއު ނިލަންދޫއަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ ކަމަށެވެ.
މާދެލީ މަޝްރޫއުއަކީ އެ ރަށުގައި ބަނދަރެއް ހެދުމާއި މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނޭ މަޝްރޫއެކެވެ.
މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ނިލަންދުއަށް ބަދަލު ކުރި އިރު، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ އެވެ.