މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 މީހަކު ރާއްޖެއިން އަނބުރާ ފޮނުވާލެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މި މަހުގެ 10 ކުރިން ފައިބާގެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 51 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބީ އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށެވެ. ސިފައިން ފޮނުވާލުމަށްފަހު އެކަންކުރުމަށްޓަކައި އެ ގައުމުގެ ސިވިލިއަނުން ގެންނަން ވަނީ ނިންމާފަ އެވެ.

ހީނާ ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޭބުމުން އެ ގައުމުން ރާއްޖެ ގެނައި ސިވިލިއަނުންގެ ޖުމްލަ އަދަދު ހާމަކުރައްވާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ފެށި އިންޑިއާ އާއި ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުންގެ މަޝްވަރާގެ ހަތަރު ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދެއް ހާމަކުރަން ސަރުކާރުން ވަނީ ފަސްޖެހިފަ އެވެ. އެކި ފަހަރު ބުނަނީ އެކި އަދަދުތަކެވެ.