އެމެރިކާގެ އޫޓާއިން ގެއްލިގެން ހޯދަމުން ދިޔަ އޮޅު ބުޅަލެއް އެ ސަރަހައްދާ އެތައް ހާސް މޭލެއް ދުރުގައިވާ ލޮސް އެންޖެލަސްއިން ފެނިއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ގްލެނާ ނަމަކަށް ކިޔާ އެ ބުޅާ އޭގެ ވެރިންނަށް ނޭނގި ބަންދު ކުރަމުންދިޔަ ކަރުދާސް ފޮށްޓެއްގެ ތެރެއަށް ފުންމާލުމުން އޭގެ ތެރޭގައި ބަންދުވީ އެވެ. އެ ފޮށްޓަކީ އެމޭޒަން މެދުވެރިކޮށް ލޮސް އެންޖެލަސްއަށް ފޮނުވަން ވެގެން ކެރީ ކްލާކް ބަންދުކުރި ފޮށްޓެކެވެ.

ވީނުވީއެއް ނޭނގި އޭނާގެ ބުޅާ ގެއްލުމުން ކެރީ ވަނީ ބުޅާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޕޯސްޓަރުތައް ބަހައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ގްލެނާ ހޯދަން މަސައްކަތް ކޮށްފަ އެވެ.

ގެއްލުނުތާ ހަ ދުވަސް ފަހުން ގްލެނާ ފެނުނީ ލޮސް އެންޖެލަންސްގައި މަސައްކަތްކުރާ އެމޭޒަންގެ މުވައްޒަފަކަށެވެ. އޭނާ ވަނީ ގްލޭނާ އޭނާގެ ގެއަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ކެރީއަށް އެ ހަބަރު ދީފަ އެވެ.

ހަ ދުވަސް ވަންދެން ނުކައި އޮތުމުން ބަނޑުހައިވެ ވަރުދެރަވުން ފިޔަވައި އެއްވެސް އިތުރު ކަމެއް ގްލެނާގެ ކިބައިން ނުފެންނަ ކަމަށް ހަބަރުތައް ބުނެ އެވެ.