ޕޮންޒީ ސްކީމެއް ހިންގައި, ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތުގައި ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
އަލްހާނާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ސަހުބާން އިތުރުން ޝަޒްބާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން މީހުންގެ އަތުން ފައިސާ ނަގައި އަނބުރާ ނުދިން މައްސަލައިގަ އެވެ.
އެ މީހުންގެ މައްޗަށް ކުރަނީ ޓެކުމުގެ 13 ދައުވާ އެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް އެ ތިން ބެއިން ވެސް ވަޑައިގަތީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ހަމަޖައްސަން އަލްހާނާއި ސަހުބާން އެދުނީ އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ވަކީލަކު ހަމަޖައްސަން އެއް މަސް ދުވަހުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އެ ގާނޫނު އޮތްގޮތުން އެންމެ ގިނަވެގެން ވެސް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ކަމަށާއި އެހެންވެ, ތިން ބެއިންނަށް ވެސް ވަކީލުން ހަމަޖައްސަން އެ މުއްދަތު ދީފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.