ގއ. މާމެންދޫގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.

އުމުރުން 17 އަހަރުގެ އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ، މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދުގެ ވަގުތެއްގައި އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުންނެވެ.

އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ޕޯސްޓުމޯޓަމްއިން ލިބިގެންދާނެތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މާރާމާރީގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދީފައިވެއެވެ. އޭނާ އަށް އަންނަނީ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ނެވެ.

އުދައްޔު މަރާލި މާރާމާރީއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.