ނ. ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހުކޮށް، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ބޮޅެއް އިތުރުކޮށްފި އެވެ.
އުރީދޫއިން ބުނީ މި މަސައްކަތަކީ އެ ކުންފުނިން މުޅި ރާއްޖެ އެއްކޮށް ޑިޖިޓަލް ކުރުމަށް ހުރިހާ ރަށެއްގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ.
ލަންދޫ ކައުންސިލާ ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނީގެ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ލަންދޫ ކަނޑައެޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް- ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ 80 އިންސައްތައަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތަކެއް،" ހާލިދު އަލް ހަމާދީ ބުންޏެވެ.
ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
"ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް އާންމު ހިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. އުރީދޫއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން،" އަބްދުލް އަޒީޒް ވިދާޅުވި އެވެ.
އުރީދޫގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.