ހެއާ ޑަސްޓިން މިނަން އަޑުއިވުމުން ފުރަތަމަ ހިތަށް އަރާނީ ބޮލުން ހިރަފުސް ފޮޅާލަނީ ކަމަށެވެ. ނުވަތަ ބޮލުގައި ހުންނަ މަކުނު ވަލާ ތަފާތު ކުނޑި ފޮޅާލުމަށް އާ ޓެކްނޮލޮޖީއެއް ބޭނުން ކުރަނީ ކަމަށެވެ. ނަމަވެސް ހެއާ ޑަސްޓިން އަކީ ދެކަފި ވެފަ ނުވަތަ ހަލާކުވެފައި ހުންނަ އިސްތަށިތައް ކޮށާލުމަށް ކިޔާނަމެކެވެ. އެއީ ވާރަށް ޒަމާނީ ފަރުވާއެކެވެ.

މި ޚާއްސަ ބޯކޮށުމާއި، އާންމު ބޯކޮށުމާއި ތަފާތު ވަނީ "ހެއާ ޑަސްޓިން" ގައި ދެކަފިވެ، ހަލާކުވެފައިވާ އިސްތަށިތައް ކޮށާލެވޭއިރު އިސްތަށިގަނޑުގެ ދިގުމިނަށް އެއްވެސް ބަދަލެއް ނާންނާތީ އެވެ. ހަމައެކަނި ކޮށާލެވެނީ ހަލާކުވެފައިވާ އިސްތަށިތަކެވެ.

މި ޚާއްސަ ޓެކްނިކްގައި ބޯކޮށާ މީހާގެ އަތުން އިސްތަށިގަނޑު ހިފަހައްޓާލައިގެން ހުރެ ބޭރަށް ނިކުމެ، ހަލާކުވެ ދެކަފިވެފައިވާ އިސްތަށިތައް ކޮށާލަ އެވެ. މިކަން ކުރެވޭނީ އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ މީހުންނަށެވެ. ކުރީ ޒަމާނުގައި ހަލާކުވެފައިވާ އިސްތަށިތައް ނައްތާލުމަށް އުއްބައްތީގެ ހުޅުކޮޅު ބޭނުންކުރި އެވެ. ނަމަވެސް ހެއާ ޑަސްޓިން ވުޖޫދުވެ، ހުޅުކޮޅުގެ ބަދަލުގައި ތޫނު ކަތުރު ބޭނުންކުރަން ފެށި އެވެ.

އާއްމުކޮށް ދެކަފިވެފައި ހުންނަ އިސްތަށިތައް ކޮށާލުމަށް ބޯކޮށާއިރު ރަނގަޅު އިސްތަށިތައް ވެސް ކޮށާލެވެ އެވެ. އަދި މުޅި އިސްތަށިގަނޑު ކުރުކޮށްލެވެ އެވެ.

ކަމާބެހޭ މާހިރުން ލަފާދެއްވަނީ އިސްތަށިގަނޑު ދިގުކުރުމުގެ ވިސްނުން ހުންނަ ނަމަ ހެއާ ޑަސްޓިން ޓެކްނިކް ބޭނުންކުރުމަށެވެ. އޭރުން އިސްތަށިގަނޑުގެ ދިގުމިނަށް ބަދަލު ނުގެނެސް ޑެމޭޖްވެފައިވާ އިސްތަށިތައް ވަކިވަކިން ކޮށާލެވެ އެވެ. ވީމާ ހެއާ ޑަސްޓްކުރާނަމަ އިސްތަށިގަނޑުގެ ދިގު ކުރުމިނަށް އެއްވެސް ބަދަލެއް ނާދެ އެވެ. އާދައިގެ ގޮތަށް ކޮށާނަމަ، ކޮށާ ކޮންމެ ފަހަރަކު އިންޗިއެއް ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް އިސްތަށިގަނޑުން ބައެއް މަދުވަމުންދެ އެވެ.

ހަލާކުވެފައިވާ އިސްތަށިތައް ކޮށާލުމަކީ އިސްތަށިގަނޑަށް ދެވޭ ވަރަށް މުހިންމު ފަރުވާއެކެވެ. އޭގެ ސަބަބުން އިސްތަށިގަނޑު ވަރުދަގަވެ، އޮމާންވެ، ގޮށްޖެހުމަށް ހައްލު ލިބިގެންދެ އެވެ. ވީމާ ހެއާ ޑަސްޓުކުރުމުން އެ ލިބެނީ އެއްފަހަރާ ދެ ފައިދާ އެވެ. ހެއާ ޑަސްޓިންގެ ފުރިހަމަ ފައިދާ ލިބިގަތުމަށް ކަމާބެހޭ މަހިރުން ވިދާޅު ވަނީ ކޮންމެ 8 ނުވަތަ 10 ހަފްތާއަކުން އެއްފަހަރު އެފަރުވާ ލިބިގަތުމަށެވެ. ޚާއްސަކޮށް އިސްތަށިގަނޑު ދިގުކޮށް ބަހައްޓަން ބޭނުންނަމަ އެވެ.