ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރެފި އެވެ.
އެ އިދާރާއިން އެލާޓް ލެވަލް 3 ނުވަތަ އޮރެންޖު އެލާޓް ނެރެފައި ވަނީ ފުވައްމުލަކުން ފެށިގެން އައްޑު އަށް މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 7:00 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އޮރެންޖު އެލާޓް ނެރުނު ސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
އޮރެންޖު ސަމާލުގެ އިތުރުން ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކަށް ވަނީ ރީނދޫ އެލާޓް ވެސް ނެރެފަ އެވެ. ހަވީރު 5:30އާ ހަމައަށް ނެރެފައިވާ އެލާޓްގައިވާ ގޮތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު އެލާޓް ވެސް ނެރެފަ އެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކާއި ބުރިޖު ހައިވޭގައި ދަތުރުކުރައްވާއިރު، މޫސުމަށް ސަމާލުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.