ކޮވިޑް ވެކްސިން ޖެހުމުން ހާލުބޮޑުވެ، މިނިސްޓަރު އިބްރާހިމް އަމީރުގެ ކާފަ (ދަޑު އަލިބެ) މިއަދު ހެނދުނު އަވާހަރަވެއްޖެ އެވެ.

މިއީ ކޮވިޑް ވެކްސިން ދިން ފަހުން، ރާއްޖޭގައި މަރުވި ފުރަތަމަ މީހާ އެވެ.

މިނިސްޓަރު އަމީރުގެ ކާފަ އަލިބެ އަވަހާރަވީ ގދ ގައްދޫގައި ވެކްސިން ދިނުމަށްފަހު ހާލު ބޮޑުވެގެން ގދ. ތިނަދޫ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

ގައްދޫން "ހުރިހާ"އާ ވާހަކަދެއްކި މީހަކު މިއަދު ބުނިގޮތުގައި އަލިބެ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އަލިބެއަކީ އުމުރުން 93 އަހަރުގެ މީހެއް ކަމަށާއި އަދި އުމުރުން ދުވަސްވުމުން އުޅުނީ ވަރަށް ބަލިކޮށް ކަމަށްވެ އެވެ.

އަލިބެއަށް ވެކްސިން ޖަހާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އަދި ހާލުބޮޑުވުމުގެ ސަބަބުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.