ރާއްޖޭގެ ފަރުތަކުގެ ގާތައް ހުދުވާ މިންވަރު ދެނެގަތުމަށް ސާވޭއެއް ކުރަމުންދާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.
މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ ބޮޑު ދުވަސްވަރެކެވެ. ރާއްޖޭގެ ފަރުތަކުން ގާ ހުދުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން ގާ ހުދުވުމުގެ މައްސަލަ މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަން އީޕީއޭއިން ފާހަގަކުރެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އީޕީއޭއިން ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމެއްކަން އީޕީއޭއިން ފާހަގަކުރެ އެވެ.
ރާއްޖޭގެ ފަރުތަކުގެ ގާތައް ހުދުވާތީ މަޝްރޫއުތައް ހިންގާ ފަރާތްތަކުން އަމަލު ކުރަން އެންގި ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން އަމަލު ނުކުރާކަމުގެ ޝަކުވާތައް އެޖެންސީއަށް ހުށަހަޅަމުންދާތީ، އެފަދަ މައްސަލަތައް ބަލަމުންދާ ކަމަށް އީޕީއޭއިން ބުނެ އެވެ.
އީޕީއޭއިން ވަނީ މިހާރު ހިނގަމުންދާ މާސް ކޮރަލް ބްލީޗިން އިވެންޓުގެ އަސަރު ކުޑަކުރުމަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، އައްސޭރިފަށުގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަޝްރޫއުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތައް 2024 ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލަން އެންގި ނަމަވެސް ބައެއް މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މިހާރު ވަނީ ހުއްދަދީފަ އެވެ.
އެގޮތުން ނުކުރަން އެދިފައިވާ ކަންތައްތަކަކީ ބިން ހިއްކުމާއި، ވެލި ނެގުން، ގޮނޑުދޮށް ތަރައްގީ ކުރުމާއި، ވެލި އެޅުން، މީގެ އިތުރުން ފަރުމަތީ ޕައިޕްލައިން އެޅުމާއި ކޭބަލްތައް އެޅުން އަދި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
ގާ ހުދުވުމުގެ މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާޓް ލެވަލް 1" ގަ އެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާ ހުދުވާކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މައުލޫމާތު ލިބެމުން އަންނަ ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.