އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަންބާނީގެ ދަރިފުޅު އާނަންތު އަންބާނީ އާއި ރާދިކާ މާޗަންތުގެ ކައިވެނީގެ ދެވަނަ އިވެންޓް ލަގްޒަރީ ކްރޫސްއެއްގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ. މި ދަތުރު އޮންނާނީ މި މަހުގެ 28 އިން 30 އަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި އިވެންޓަށް 800 ގެސްޓުންނަށް ދައުުވަތު ދޭނެ ކަމަށް ލަފާކުރެވެ އެވެ. މި އިވެންޓުގައި ޝާހް ރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، އާލިޔާ ބަޓް އަދި ރަންބީރު ކަޕޫރް ފަދަ މަޝްހޫރު ތަރިން ބައިވެނިވާނެ ކަމަށް ބެލެވެ އެވެ.

ތިން ދުވަހަށް ދެމިގެންދާ މި ކްރޫސް އިޓަލީ އިން ދެކުނު ފްރާންސްއަށް 4،380 ކިލޯމީޓަރުގެ ދަތުރެއް ކުރާނެ އެވެ. މި ކްރޫސްގައި ގެސްޓުންގެ އިތުރުން 600 ސްޓާފުން މަސައްކަތްކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އާނަންތް އާއި ރަދީކާގެ ކައިވެނީގެ ފުރަތަމަ އިވެންޓްވަނީ މި އަހަރު ކުރީކޮޅު އިންޑިޔާގެ ގުޖުރާތުގައި ވަރަށް ކުލަގަދަކޮށް ބާއްވާފަ އެވެ. މި އިވެންޓްގައި ހޮލީވުޑް ލަވަކިޔުންތެރިޔާ ރިހާނާ ވަނީ ހުށަހަޅާދީފަ އެވެ.