މާތްﷲ އިބްރާހީމްގެފާނަށް ގެފުޅު ބިނާކުރެއްވުމަށް އަމުރުކުރައްވިއެވެ. އަދި އެ ގެފުޅަށް މީސްތަކުން އައިސް ޙައްޖުވުމަށް ގޮވައިލެއްވުމަށް ވެސް އަމުރުކުރެއްވިއެވެ. އެ އަމުރުފުޅަށް އިޖާބަދެއްވައި އެކަލޭގެފާނު ގެފުޅު ބިނާކުރައްވައި މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވިއެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ވެސް މީސްތަކުން އަންނަނީ އެކަލޭގެފާނުގެ މި ނިދާއަށް އިޖާބަދީ، މާތް ﷲގެ ގެކޮޅަށް ގޮސް ޙައްޖުވަމުންނެވެ.

އެހެން ނަމަވެސް، ޒަމާންތައް ބަދަލުވަމުން ދިޔަވަރަކަށް ޝައިޠާނާ ދިޔައީ މީސްތަކުންގެ ބޮލަށް ސަވާރުވަމުންނެވެ. އެބައިމީހުންނަށް ވަސްވާސް ދެމުންނެވެ. އެ ގޮތުން އިބްރާހީމްގެފާނު ގެނެސްދެއްވި ޙަނަފިއްޔަތުގެ ޢަޤީދާއާ (އެބަހީ، ޝިރުކުން އެއްކިބާވެފައިވާ ސާފު ސީދާ ތައުޙީދުގެ ޢަޤީދާއާ) މީސްތަކުން ދުރުކޮށް، ޢަމްރު ބުނު ލުޙުއިއްޔު އަލްޚުޒާޢީއެވެ ކިޔުނު މީހެއް މެދުވެރިކޮށް ޢަރަބިކަރަޔަށް ބުދު ވައްދައި، ގެފުޅުގައި އެތަކެއް ބުދު ބަހައްޓައި، އެ ތަކެއްޗަށް އަޅުކަން ކުރާން އެބައިމީހުންގެ ބޮލަށް ސަވާރުވިއެވެ. އެ ހިސާބުން ފެށިގެން އިބްރާހީމްގެފާނު ގެނެސްދެއްވި ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއަށް ވެސް އެބައިމީހުން ޝިރުކު ވެއްދިއެވެ. އަދި އެތަކެއް ބިދުޢަތައް ވެއްދިއެވެ. އަދި ޙައްޖާއި ޙައްޖުގެ ނުސުކާ ގުޅުވައިގެން އެތަކެއް ދޮގު ވާހަކަތަކެއް މާތްﷲ އަށް ނިސްބަތްކުރުވިއެވެ.

މި ލިޔުމުގައި މި ބަލައިލަނީ، ޖާހިލިއްޔަ ޒަމާނުގައި ޙައްޖުގެ އަޅުކަމަށް އެބައިމީހުން ގެނެސްފައިވާ ބަދަލުތަކުގެ މައްޗަށެވެ. އަދި އިސްލާމްދީން އައުމަށްފަހު އެ ކަންކަމާމެދު އިސްލާމްދީނުގައި ވާރިދުވެފައިވާ ގޮތުގެ މައްޗަށެވެ.

ޙައްޖު މޫސުމާއި ވަގުތު:

ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުންނާއި ޢަރަބީން ވަނީ ޙައްޖު މޫސުމާއި ޙައްޖުގެ މައްސަރުތަކަށް ވެސް ބަދަލު ގެނެސްފައެވެ. އެއީ އެބައިމީހުން ހިތުހުރި ގޮތަކަށް ބަދަލުކޮށް، ކުޅޭ އެއްޗަކަށް ވަނީ ހަދައިފައެވެ. އެ ގޮތުން، އެބައިމީހުން މައްސަރުތައް އިސްފަސްކޮށް އުޅުނެވެ. އަދި ޙަލާލު ބައެއް ކަންކަން ޙަރާމްކޮށް، ޙަރާމް ބައެއް ކަންކަން ޙަލާލުކޮށް އުޅުނެވެ.

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ތަފްސީރު ޢިލްމުން ދަރިވަރުވެވަޑައިގެންނެވި ބޭކަލުންގެ ތެރެއިން އެންމެ މަޝްހޫރު އެއް ބޭކަލަކީ މުޤާތިލު ބުނު ސުލައިމާނެވެ. މި ދެންނެވި ކަންކަމަށް އިޝާރާތްކުރައްވައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

"ޤުރައިޝުންނާއި އެބައިމީހުންގެ ޙަލީފުން (އެކުވެރި ޤަބީލާތަކުން)، ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އެއްބަޔަކު އަނެއް ބަޔަކާ އަދި އެހެނިހެން ޤަބީލާތަކާ ދެމެދު ހަނގުރާމަކުރުން ހުއްދަކޮށް އުޅުނެވެ. އެބައިމީހުންގެ ތެރެއިން ބަނޫ ކިނާނަތު ޤަބީލާއަށް ނިސްބަތްވާ އަބޫ ޘުމާމަތު ޖަނާދަތު ބުނު ޢައުފު، ކޮންމެ އަހަރަކު ވެސް ޢުކާޒުގެ ބާޒާރުގައި ތެދުވެ ބުނެތެވެ. "ތިމަންނާ ތިޔަބައިމީހުންނަށް ޓަކައި މުޙައްރަމް މަހަކީ ޙުރުމަތްތެރި ނޫން މަހެއް ކަމުގައި ހަދައިފީމުއެވެ. އަދި ޞަފަރު މަހަކީ ޙުރުމަތްތެރި މައްސަރެއް ކަމުގައި ހަދައިފީމުއެވެ. އަދި މިވެނި އެވެނި މަހެއް ޙުރުމަތްތެރި މަހެއް ކަމުގައި، މިވެނި އެވެނި މަހެއް ޙުރުމަތްތެރި މަހެއް ނޫން ކަމުގައި ހަދައިފީމުއެވެ."ދެން އެ ތަނަށް ޖަމާވާ ޢަރަބި ހުރިހާ ޤަބީލާތަކެއްގެ މީހުން އޭނާގެ ބަހަށް ތަބާވެ، އެ ގޮތުގައި ކުރިޔަށްދެއެވެ. އެބައިމީހުން އެ ކަމާމެދު ފަޚުރުވެރިވެ، ޅެން ހަދައިގެން ވެސް ކިޔައި އުޅެތެވެ.

މި ކަމާ ގުޅޭގޮތުން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ‎﴿٣٧﴾‏ [التوبة: 37]

މާނައީ: "ހަމަކަށަވަރުން، (ޙުރުމަތްތެރި މައްސަރެއް) ފަސްކޮށްލުމަކީ، ކާފިރުކަން އިތުރުކުރުމެކެވެ. ކާފިރުވި މީހުން އެކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެތެވެ. އެއުރެން އެއްއަހަރު އެއް މައްސަރެއްގެ ޙުރުމަތް ކަނޑައި، އަނެއް އަހަރު އެ މައްސަރެއް ޙުރުމަތްތެރި ކުރެތެވެ. އެއީ اللَّه، ޙުރުމަތްތެރި ކުރައްވައިފައިވާ މައްސަރުތަކުގެ އަދަދު ހަމަކުޅައުމަށް ޓަކައެވެ. ފަހެ، އެގޮތުން، اللَّه ޙުރުމަތްތެރި ކުރައްވައިފައިވާ މައްސަރުތަކުގެ ޙުރުމަތް ކަނޑަތެވެ. އެއުރެންގެ ނުބައި ޢަމަލުތައް، އެއުރެންނަށް ޒީނަތްތެރި ކުރެއްވިއެވެ. ކާފިރުވި މީހުންނަކަށް، اللَّه ތެދުމަގެއް ނުދައްކަވަތެވެ."

އަދިވެސް މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ وَلَا الْهَدْيَ وَلَا الْقَلَائِدَ وَلَا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا ۚ ... [المائدة:2]

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ޝިޢާރުތަކާއި، އަދި ޙުރުމަތްތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވައިފައިވާ ތަކެއްޗާއި، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފަޟްލަވަންތަކަމާއި، ރުއްސެވުންއެދި، ޙުރުމަތްތެރިވެގެންވާ ގެފުޅަށް ގަސްތުގަސްތުކޮށްގެން އަންނަމީހުންގެ ޙުރުމަތް ނުކަނޑާށެވެ! (މުރާދަކީ، ޙައްޖުގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް ޙުރުމަތްތެރިކޮށް ހިތައި، އެކަމުގެ ތެރޭގައި ކުރުން މަނާކުރައްވައިފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ! އަދި ޙުރުމަތްތެރި މައްސަރުތަކުގައި މަނާކުރައްވައިފައިވާ ހަނގުރާމަ ކުރުން ފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމަ އެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވައިފައިވާ ތަކެއްޗާއި، އަދި އެ ނޫން ވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ! އަދި ގެފުޅަށް ދިޔުން ގަސްތުކޮށްގެންދާ މީހުންގެ މަގަށް ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!)" (تفسير مقاتل بن سليمان، 1/448)

ޖާހިލިއްޔަ ޒަމާނުގައި މިފަދައިން ޙައްޖުގެ މައްސަރުތަކާ ކުޅެ، މައްސަރުތައް އިސްފަސްކޮށް ހެދުމުގެ ސަބަބުން އެ ޒަމާނުގައި އެ މައްސަރުތަކުގެ ނަންތަކާއި ދުވަސްވަރާއި ތަރުތީބަށް ވަނީ އެތަކެއް ބަދަލުތައް އައިސްފައެވެ. އެ ކަމުގެ ސަބަބުން ޙައްޖު މޫސުމަކީ އެކި އަހަރު އެކި ދުވަސްވަރެވެ. މި ގޮތުން ބަލާއިރު ޙައްޖު މޫސުމް ދިމާނުވާ މައްސަރެއް ނުވެއެވެ. އެކި އަހަރުއެކި މައްސަރެވެ.

އެބައިމީހުން ބުނާކަމަށް ވެއެވެ. "ބައެއް އަހަރުތަކުގައި ޙައްޖު މޫސުމް އޭގެ އަޞްލު ވަގުތާ ދިމާނުވިޔަސް، އެހެން އަހަރުތަކުގައި ދިމާވާނެ ނޫން ހެއްޔެވެ." (أحكام القرآن، للشافعي، 2/196)

އިޙްރާމްއެޅުން:

ޖާހިލިއްޔަ ޒަމާނުގައި ޙައްޖުގެ އަޅުކަން އަދާކުރާން މީހަކު ގަސްތުކޮށްފިއްޔާ، އެއީ މައްކާގެ އަހުލުވެރިޔަކަށް ނުވަންޏާ، އަދި އެއީ ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމުގައި ނުވާ ނަމަ، އެ މީހަކަށް އޮތީ އޭނާ ގައިގައި ނަޢަމްސޫފީގެ ކެހެރިތަކާއި ހަންގަނޑު ކަނދުރާމަތީގައި އޮޅައިގެން މައްކާއަށް ދަތުރުކުރުމެވެ. އެފަދައިން ދަތުރުކުރާ މީހަކަށް އަމާންކަން ހުރިހާ ޤަބީލާއަކުން ވެސް ދޭނެއެވެ. އަދި މަގުފޭރޭ މީހުން ވެސް އެ މީހަކާ ދިމާކޮށެއް ނަހަދާނެއެވެ.

މައްކާގެ އަހުލުވެރިއެއްނަމަ، ނުވަތަ ޙަރަމްފުޅުގައި ޤާއިމުވެހުރި މީހަކު ޙައްޖުގެ އަޅުކަން އަދާކުރާން ގަސްތުކޮށްފިއްޔާ، އަދި އެއީ ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ނޫންކަމަށް ވަންޏާ، އެ މީހަކަށް އޮތީ މައްކާގެ ޙުރުމަތްތެރިކުރައްވައިފައިވާ ސަރަހައްދުގައި ހެދޭ ގަސްގަހުގެ ފަތްތައް އެ މީހެއްގެ ކަނދުރާމަތީގައްޔާއި، އެ މީހެއްގެ ސަވާރީކަމުގައިވާ ޖަމަލުގެ ކަނދުރާމަތީގައި އޮޅައިގެން ޙައްޖަށް ނުކުތުމެވެ. އެފަދައިން އެ މީހަކު ނުކުތުމުން އޭނާއަކަށް އެއްވެސް ބަޔަކު ގޯނާކޮށް އުނދަގުލެއް ނުކުރާނެއެވެ. އޭނާއަކީ އެފަދަ ހުރިހާ ކަމަކުން އަމާންކަން ލިބިގެންވާ މީހަކު ކަމުގައި އެބައިމީހުން ހަދައެވެ.

މިއީ ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ނޫން މަހެއްގައި ޙައްޖަށް ގަސްތުކޮށް ނުކުންނަ މީހުން ކަންތައް ކުރާން އޮންނަ ގޮތެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުގައި ޙައްޖަށް ނުކުންނަ މީހަކު މިއިން ކަމެއް ކުރާކަށެއް ނުޖެހެއެވެ. ޙުރުމަތްތެރި މައްސަރެއްނަމަ، އެ މީހަކަށް އަމާންކަމާއި ސަލާމަތްތެރިކަން، ހުރިހާ ޤަބީލާއަކުން ވެސް ކަށަވަރުކޮށްދޭނެއެވެ. އަދި މަގުފޭރޭ މީހުން ފަދަ މީހުން ވެސް އެފަދަ މީހަކާ ނުވަތަ ޤާފިލާއަކާ ދިމާކޮށެއް ނަހަދާނެއެވެ.

މި ދެންނެވީ އެބައިމީހުން ޙައްޖަށް ގަސްތުކޮށްފި ހިނދަކު އެބައިމީހުން ކަންތައް ކުރާ ގޮތުގެ ވާހަކައެވެ.

ހަމަ އެގޮތަށް، އިޙްރާމް އެޅުމުގައި ނުވަތަ އިޙްރާމް ޙާލަތަށް އެބައިމީހުން ވަނުމުގައި ވެސް އަދި ޙަރާމްވެގެން ތިބޭ ކަންކަމުގައި ވެސް ވަރަށް ގިނަ ބިދުޢަތައް އެބައިމީހުން ވަނީ ތަޢާރަފުކޮށްފައެވެ. އެ ގޮތުން، ޤުރައިޝުންނާއި އެބައިމީހުންނަށް ތަބާވާ ޤަބީލާތަކަށް އެބައިމީހުން ކިޔައިއުޅެނީ اَلْحُمْسُ އެވެ. މި ބަހުގެ ބަހަވީ މާނަ ގުޅެނީ، "ވަރުގަދަކަމާއި ގަދަފަދަކަމާ" އެވެ. އެބައިމީހުން ޤުރައިޝުންނާއި ޤުރައިޝުންނަށް ތަބާވާ ޤަބީލާތަކަށް މި ނަމުން ނަން ދިނީ، އެބައިމީހުންނަކީ ދީނީ ކަންކަމުގައި ވަރުގަދަޔަށް ހިފައިގެން ތިބި ބައެއް ކަމުގެ މުރާދުގައެވެ. އަދި އެބައިމީހުންނަކީ ކަޢުބުތުﷲ ގެފުޅަށް ޢުމްރާއާއި ޙައްޖުވުމަށް އަންނަ މީސްތަކުންނަށް އެ އަޅުކަން އަދާކުރުމުގައި އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ މީހުން ކަމަށްވާތީއެވެ.އެހެން ނަމަވެސް، މިއާ ގުޅިގެން އެބައިމީހުން ވަރަށް ގިނަ ބިދުޢަތައް އުފެއްދިއެވެ. އަދި އަލްޙުމުސާއި އެހެނިގެން މީސްތަކުންނާ ޢުމްރާއާއި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ވަރަށް ބޮޑު ތަފާތުތަކެއް އުފެއްދިއެވެ. އަދި އިޙްރާމްގެ ޙާލަތުގައި މަނާވާ ކަންކަމާއި ޙައްޖުގެ މަނާސިކުތަކުގައި ތިބޭންޖެހޭ ތަންތަނާއި ވަގުތުތަކުގައި ވެސް ތަފާތުތައް އުފެއްދިއެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގެ ތެރެއިން ވަރަށް ގިނަ ކަންކަން އެބައިމީހުން ދެން ތިބީން ފަރަގުކޮށް އެބައިމީހުންނަކީ މާ މާތީ ބައެއްކަމުގައި ދޭހަވާ ގޮތަށް ހެދިއެވެ.

އެ ގޮތުން ބަލާއިރު، ޙުމުސުގެ އަހުލުވެރީންނަށް އިޙްރާމުގެ ޙާލަތުގައި މަނާވާ ކަންކަމުގެ ތެރޭގައި، ގަނޑުކިރު ކެއްކުމާއި އުފެއްދުން މަނާވުމާއި، ކެހެރިޔާއި ހަންގަނޑުން ހަދައިފައިވާ ގެތަކަށް ވަނުން މަނާވުން ހިމެނެއެވެ. އަދި އެހެން މީހުންގެ މައްޗަށް އެބައިމީހުން މަނާކުރި ކަންކަމުގެ ތެރޭގައި، ޙުމުސުގެ އަހުލުވެރީން ނޫން މީހުން ޙައްޖާއި ޢުމްރާއަށް އަންނައިރު އެބައިމީހުން ގެންނަ އެއްވެސް ކާނާއެއް ޙައްޖާއި ޢުމްރާގެ އިޙްރާމުގެ ޙާލަތުގައި ތިބެގެން ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެބައިމީހުން ލައިގެން އަންނަ އިޙްރާމް ފޭރާމުގައި ޠަވާފުކުރުމަކީ މަނާކަމެކެވެ. އެންމެ ފުރަތަމަ ޠަވާފުކުރާން ޖެހެނީ ޙުމުސުގެ އަހުލުވެރިޔެއްގެ އަތުން ހޯދާ ފޭރާމެއް ލައިގެންނެވެ. މި ހުރިހާ ބިދުޢަތަކަކަށް ހުރިހާ ޢަރަބީން ބޯލަނބައި ކިޔަމަންގަނެ، މިއީ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ކަންތައްތައް އޮންނަ ގޮތްކަމަށް ރުހި ގަބޫލުވެގެން ތިއްބެވެ.

ހަމަ އެހެންމެ، މަދީނާގެ އަހުލުވެރީންގެ ތެރޭގައި ވެސް ޖާހިލިއްޔަ ޒަމާނުގައި އާދަވެފައި އޮންނަނީ ޙައްޖާއި ޢުމްރާއަށް އިޙްރާމް ބަނދެއްޖެ މީހެއްނަމަ، އެ މީހެއްގެ އަމިއްލަ ގެއަށް މައިދޮރުން ވަނުމަކީ މަނާ ކަމެއްގެ ގޮތުގައެވެ. އެގޮތުން އެބައިމީހުން ވަދެއުޅެނީ ވަލުދޮރުންނެވެ. ނުވަތަ ފަހަތު ދޮރުންނެވެ. އިސްލާމްދީން ފާޅުވުމަށްފަހު މިކަން މަނާކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

وَلَيْسَ الْبِرُّ بِأَن تَأْتُوا الْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ الْبِرَّ مَنِ اتَّقَىٰ ۗ وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ ‎[البقرة:189]

މާނައީ: "އަދި ގޭގޭގެ ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށް ތަޤްވާވެރިވެއްޖެ މީހެކެވެ. އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށް ޓަކައެވެ."

ހަމަ އެހެންމެ، އަޢުރާބީންގެ ތެރެއިން ބައެއްމީހުން ޙައްޖުވުމަށް ކުރިމަތިލައި އުޅެނީ އެއްވެސް ވަރަކަށް މާއްދީގޮތުން ތައްޔާރުވުމެއް ނެތިއެވެ. އެއްވެސްވަރަކަށް ކޮއްތު ޖަމާކުރުމެއް ނެތިއެވެ. އެއްވެސްވަރަކަށް ރައްކައުތެރިކަމުގެ އެއްވެސް ފިޔަވަޅެއް، އެއްވެސްކަހަލަ ކާބޯއެއްޗެއް ނެތިއެވެ. އެބައިމީހުންގެ ބަހަކަށް ވެފައި އޮންނަނީ، ތިމައުރެންނަކީ މާތް ﷲ އަށް ވަކީލުކުރާ މީހުންނީމުއެވެ. އަދި ތިމައުރެންނަށް ކެއުންބުއިން ދެއްވާނީ މާތް ﷲ އޭ ބުނެ އުޅެތެވެ. އެބައިމީހުންގެ ތެރެއިން އަތުގައި ކޮއްތާއި މާލު ހުރި މީހުން ވެސް ޙައްޖަށް ނިޔަތްގަތުމާއެކު އެ އެއްޗެއް ނަގައި އުކައިލައެވެ. އަދި ތިމައުރެންނަކީ ވެސް މާތް ﷲ އަށް ވަކީލުކުރާ މީހުންނީމުއޭ ބުނެ އުޅެތެވެ. އެހެނަސް، މައްކާއަށް އައުދެވުމުން ދެން އެބައިމީހުންގެ ކަމަކަށް ވަނީ މީސްމީހުންގެ ކައިރިން ސަލާމްޖަހައިގެން ކެއުންބުއިމުގެ ކަންކަން ހަމަޖެއްސުމެވެ.

އިސްލާމްދީން އައުމަށް ފަހު، މި ކަންތައް ވެސް މަނާކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ [البقرة:197]

މާނައީ: "އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާއެވެ. އޭ ބުއްދީގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ!"

މީގެ އިތުރުން ވެސް ޖާހިލިއްޔަ ޒަމާނުގައި އިޙްރާމު އެޅުމަށްފަހު މަނާވެގެންވާ ކަންކަމުގެ ތެރޭގައި، ގަނެވިއްކުން ހިމެނެއެވެ. ގަނެވިއްކުމުގެ އެއްވެސް މުޢާމަލާތެއް ކުރުމަކީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް އިޙްރާމުގެ ޙާލުގައި މަނާކޮށްގެންފައިވާ ކަންކަމެވެ. އެބައިމީހުން ބުނެއުޅޭގޮތުން، ޙައްޖަށް އިޙްރާމު ބަނުމަށްފަހު، ޙައްޖުގެ އަޅުކަން ނިމެންދެން އެ ފެށުނީ ޒިކުރުގެ ދުވަސްތަކެވެ. އެހެން ނަމަވެސް، މި ކަން ވެސް އިސްލާމްދީން އައުމަށްފަހު ވަނީ އޭގެ އަސްލަށް ރުޖޫޢަކުރައްވައިފައެވެ. އެގޮތުން މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ ۚ [لبقرة: 198]

މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލަވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުން ފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ."

މީގެ އިތުރުން، އެބައިމީހުން އަމިއްލަ ނަފްސަށް މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި، ޙައްޖުމަސް އައުމުން، ޢުމްރާއަށް އިޙްރާމް އެޅުން ހިމެނެއެވެ. ޙައްޖުމަސް އައުމަށްފަހު ޢުމްރާއަށް މީހަކު އިޙްރާމް އަޅައިފިނަމަ، އެއީ އެބައިމީހުން ދެކޭގޮތުގައި އެންމެ ފާސިޤު ފާޖިރުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކަން ވެސް އޭގެ އަސްލަށް ރުޖޫޢަކުރައްވައި، އެއީ އެއްވެސް މައްސަލެއް އޮތް ކަމެއް ނޫން ކަމަށް މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

فَإِذَا أَمِنتُمْ فَمَن تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ [البقرة:196]

މާނައީ: "ފަހެ، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ ޢުމްރާއަށްފަހު، ޙައްޖާ ހަމަޔަށް ދާނދެން އަރާމު ލިބިގެންފިމީހާ (އެބަހީ: ޙައްޖުގެ ދުވަސްވަރުގައި ޢުމްރާގެ އަޅުކަން ނިމި، އިޙްރާމް ކަނޑައިފުމުން، އިޙްރާމްގެ ސަބަބުން ޙަރާމްވާ ކަންތައްތައް ހުއްދަވުމަށްފަހު، މާއްކާގައި ހުރެ އަލުން ޙައްޖަށް އިޙްރާމް ބަނދެފި މީހާ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ."

ޖާހިލިއްޔަ ޒަމާނުގައި ކިޔައި އުޅުނު ތަލްބިޔާ:

ޖާހިލިއްޔަ ޒަމާނުގައި ކިޔައިއުޅުނު ތަލްބިޔާއަކީ ތައުޙީދާއި ޝިރުކާ އެއްކޮށްފައިވާ ތަލްބިޔާއެކެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވައިފައިވާ ޙަދީޘެއްގައި ވެއެވެ.

«كان المشركون يقولون: لبيك لا شريك لك، قال: فيقول رسول الله -صلى الله عليه وسلم-: «ويلكم، قَد قَد» -أي: حسبكم لا تزيدوا- فيقولون: إلّا شريكًا هُوَ لك، تَمْلِكُه وما مَلَكَ. يقولون هذا وهم يطوفون بالبيت» [رواه مسلم]

މާނައީ: މުޝްރިކުން ތަލްބިޔާގައި "لبيك لا شريك لك، އިބަ ﷲ އަށް އިޖާބަދެމެވެ. އިބަ ﷲ އަށް ޝަރީކަކު ނުވެއެވެ." މިހިސާބަށް ކިޔުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަތެވެ. "ويلكم، قَد قَد ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ. ތިވަރުން ފުދެއެވެ. ތިވަރުން ފުދެއެވެ –"އެބަހީ: ތިޔަބައިމީހުން ތިޔަ ކީ ވަރުން ފުދެއެވެ. ތިޔަށް އިތުރު ނުކުރާށެވެ. ދެން އެބައިމީހުން ކިޔައެވެ. "إلّا شريكًا هُوَ لك، تَمْلِكُه وما مَلَكَ، އިބަ ﷲ ބައިވެރިއެއްގެ ގޮތުގައި ހައްދަވައިފި ފަރާތެއް ފިޔަވައެވެ. އެ ފަރާތެއް ވެސް އަދި އެ ފަރާތުގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއްގެ ވެސް މިލްކުވެރި ރަސްކަލާނގެއީ އިބަﷲއެވެ." އެބައިމީހުން މިފަދައިން ކިޔަމުން ޠަވާފުކުރަމުން ދެއެވެ. (ޞަޙީޙް މުސްލިމް)

ނިކަން ވިސްނަވާށެވެ! މިއީ އެބައިމީހުން ތައުޙީދުގެ ކަލިމަޔާ ޝިރުކު ގުޅުވައިލާ ގޮތެވެ. މާތްﷲ ހަމަބުއްދިއާއި ހެޔޮ ވިސްނުން ދެއްވައިފައިވާ އެއްވެސް މީހަކު މިއީ ދެކޮޅުޖެހޭ ގޮތެއް ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. އެހެނީ، ތަލްބިޔާގެ ކުރީގައިވާ ތައުޙީދުގެ ބައި އެބައިމީހުން މި ނަފީކޮށްލަނީ ދެން އެބައިމީހުން އެޔަށް އިތުރުކުރާ ބައިންނެވެ. އެމީހުންގެ ހުރި މޮޔަކަމާއެވެ.

ޢަރަބި އެކި ޤަބީލާތަކުން ގަބޫލުކުރަމުން އައީ އެކި އިލާހުންތަކެވެ. އެ ގޮތުން އެކިއެކި ބުދުތައް އެބައިމީހުން އިލާހުންގެ ގޮތުގައި ގެންގުޅުނެވެ. އެހެންކަމުން، އެއްބަޔަކު ކިޔާ ތަލްބިޔާއާ އަނެއް ބަޔަކު ކިޔާ ތަލްބިޔާ ވެސް ތަފާތުތަކެއް ހުރެއެވެ. މީގެ މިސާލަކަށް ބަލާއިރު، ޘަޤީފުވަންހައިގެ މީހުން ކިޔައިއުޅެނީ އަންނަނިވި ތަލްބިޔާއެވެ.

لبيك اللهم لبيك، هذه ثَقِيفٌ قد أَتَوك، وخَلَّفُوا أوثانَهُم وعظَّمُوك... عُزَّاهُمُ واللاتُ في يديك، دانَتْ لكَ الأصنامُ تعظيمًا إليك، قد أَذْعَنَتْ بسلْمِها إليك، فاغفِرْ لها فطالما غَفَرْت

މާނައީ: އޭ ﷲ އެވެ! އިބަ އިލާހަށް އަޅަމެން އިޖާބައަކަށްފަހު އިޖާބައެއް ދެމެވެ. ހަމަކަށަވަރުން އިބަ އިލާހުގެ އަރިއަހަށް މިއައީ ޘަޤީފުންނެވެ. އަޅަމެންގެ ބުދުކަލާނގެތައް ބަހައްޓައިފައި، އިބަ އިލާހު މަތިވެރިކުރަމުންނެވެ... އަޅަމެންގެ ޢުއްޒާ ކަލާނގެއާއި ލާތުކަލާނގެ ވަނީ އިބަ ﷲ ގެ އަތްޕުޅުގައެވެ. ހުރިހާ ބުދުތަކެއް އިބަ އިލާހަށް ޡަޢުޒީމާއެކު ކިޔަމަންގަނެތެވެ. އަދި ހަމަކަށަވަރުން އަޅަމެން ޘަޤީފުން އިބަ އިލާހަށް ބޯލަނބައި ކިޔަމަންވަމުއެވެ. އެހެންކަމުން، އިބަ އިލާހު ފާފަފުއްސެވުމުގައި ދެމިވޮޑިގެންވާހާ ހިނދަކު އަޅަމެން ޘަޤަފީންނަށް ފާފަ ފުއްސަވައިދެއްވާންދޭވެވެ."

ނިކަން ވިސްނަވާށެވެ! މިހިރީ އެބައިމީހުންގެ ބުއްދި ހުރި ހިސާބެވެ. މާތްﷲ އެއްކައުވަންތަކުރާ މަގާމުގައި އެއާ ޖެހިގެން ޝިރުކުގެ ފަތިވަރު ވެސް އަމުނައިލަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބުއްދީގެ ހަމައިން ވެސް މި ކިޔެނީ ތާކުންތާކުޖެހޭ އެއްޗެއް ނޫންކަން ވިސްނައި ވެސް ނުލައެވެ. ބަޔަކު މީހުން މަގުފުރެދިގެންދާނީ މި ވަރަކަށް ނޫންތޯއެވެ؟

ޖާހިލިއްޔަ ޒަމާނުގައި ކުރަމުންއައި ޝިރުކުގެ ކަންކަމާއި ތަލްބިޔާތައް އެ ގޮތަށް ކިޔުން ނަހީކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ ‎﴿٣٠﴾‏ حُنَفَاءَ لِلَّهِ غَيْرَ مُشْرِكِينَ بِهِ ۚ... [الحج:30-31]

މާނައީ: "ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ! (30) اللَّه އަށް އިޚްލާޞްތެރިވެ، ބާޠިލުމަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބާވެތިބެ، އެކަލާނގެއަށް ޝަރީކުނުކުރާ ޙާލުގައެވެ..."

އަދި ބައެއް މީހުން އެއްވެސް ތަލްބިޔައެއް ނުކިޔައި، އެއްވެސް ޒިކުރެއް ނުކޮށް، އަދި އެއްވެސް މީހަކާ ވާހަކަ ވެސް ނުދައްކައި ޙައްޖުކޮށް އުޅުނެވެ. އެއީ އެބައިމީހުން ދެކޭ ގޮތުގައި އެބައިމީހުންނާ މާތް ﷲ އާ ކުއްތަންކުރުވާ ކަމެކެވެ. މި ކަން ނަހީކުރައްވައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައިވެއެވެ.

«لا صُمَاتَ يومٍ إلى الليل» [أبو داود وصححه الألباني]

މާނައީ: "އެއްވެސް މީހަކު ދުވާލުން ފެށިގެން ރޭގަނޑާ ޖެހެންދެން ހަނުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ." އެބަހީ، އެއީ އަޅުކަމެއް ކަމަށް ދެކިގެން އެ ގޮތަށް ހުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ.

ހިޖުރީގޮތުން 3 ވަނަ ޤަރުނުގައި މައްކާގައި އުފެދުނު މަޝްހޫރު ތާރީޚު ޢިލްމުވެރިޔެއް ކަމަށްވާ އަލްއަޒްރަޤީ (250ހ) ވިދާޅުވެފައިވެއެވެ. "އިސްލާމްދީން ފައުޅުވެއްޖެއުމަށް ދާންދެން އެބައި މީހުން މިފަދައިން ތަލްބިޔާ ކިޔަމުން ދިޔައެވެ. (އެބަހީ، ތައުޙީދާއި ޝިރުކާ އެއްކޮށްފައިވާ ތަލްބިޔާއެވެ.) އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ތަލްބިޔާ ވިދާޅުވާންދެނެވެ. «لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك، لا شريك لك» އެއަށްފަހު މުސްލިމުން މި ތަލްބިޔާ ކިޔައިއުޅުނެވެ." (أخبار مكة، للأزرقي، 1/194 )

ޖާހިލިއްޔަ ޒަމާނުގައި ޢަރަފާތް:ޤުރައިޝުން ޖާހިލިއްޔަ ޒަމާނުގައި ޙައްޖުކުރާއިރު، ޢަރަފާތަށް ދިޔުމަށް ދެކޮޅުހަދައެވެ. އެބައިމީހުން ބުނާ ގޮތުން، އެބައިމީހުންނަކީ ޙުރުމަތްތެރިވެގެންވާ ބިމުގެ އަހުލުވެރީންނެވެ. ޢަރަފާތް ބިން އޮންނަނީ ޙުރުމަތްތެރިކުރައްވައިފައިވާ ސަރަހައްދުން ބޭރުގައެވެ. އެހެންކަމުން، އެބައިމީހުން ބުނަމުން އައީ، ޙުރުމަތްތެރިކުރައްވައިފައިވާ ސަރަހައްދުން ތިމައުރެން ބޭރުވުމަކީ އެއްވެސް ގޮތަކަށް އެކަށީގެންވާ ކަމެއް ނޫން ކަމުގައެވެ. ތިމައުރެންނަކީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅެކެވެ. އަދި ޙަރަމްފުޅުގެ އަހުލުވެރީންނެވެ. އަދި ގެފުޅުގެ ބެލެހެއްޓުންތެރީންނެވެ. އެހެންކަމުން، ޙުރުމަތްތެރިވެގެންވާ ބިން ދޫކޮށް، ޢަރަފާތަށް ދިޔުމަކީ ޙުރުމަތްތެރިވެގެންވާ ބިން ނޫން ހިސާބެއް މަތިވެރިކުރުމެވެ. އެއީ ޢަރަބީންގެ ބަދުބަސްތައް ތިމައުރެންނަށް ލިބޭނޭ ކަމެކެވެ. އެހެންކަމުން، ޢަރަފާތަށް ނުކުންނާންޖެހޭނީ ތިމައުރެން ނޫން އެހެން މީހުންނެވެ.

އެބައިމީހުން ރަނގަޅަށް ދަނެތެވެ. އެއީ އިބްރާހީމް ޢަލައިހިއްސަލާމް ދެއްކެވި މަންހަޖެއް ނޫނެވެ. އަދި އިބްރާހީމް ޢަލައިހިއްސަލާމް ގެންނެވި ދީނުގައިވާ ކަމެއް ވެސް ނޫނެވެ. އެހެނެއް ކަމަކު، އެއީ އެއާ މުޅީން ޚިލާފު ކަމެކެވެ.

މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿١٩٩﴾‏ [البقرة: 199]

މާނައީ: "ދެން (ޢަރަފާތުން މުޒްދަލިފާޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުން ވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން اللَّه ގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

ޖާހިލިއްޔަ ޒަމާނުގައި ޢަރަފާތް ބިމުން މީސްތަކުން ޢަރަފާތްދުވަހުގެ އިރުއޮއްސުމުގެ ކުރީން ނުކުންނަ ނުކުތުމަކީ ވެސް އިސްލާމްދީން އައިސް ބަދަލުކުރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

عن المسور بن مخرمة قال: خطبَنا رسول الله -صلى الله عليه وسلم- وهو بعرفات فقال: «...ألَا وإنّ أهل الشرك والأوثان كانوا يَدفعون في هذا اليوم قبل أن تغيب الشمس إذا كانت الشمس في رؤوس الجبال كأنها عمائم الرجال في وجوهها، وإنّا ندفع بعد أن تغيب الشمس، وكانوا يَدفعون من المشعر الحرام بعد أن تطلع الشمس إذا كانت الشمس في رؤوس الجبال كأنها عمائم الرجال في وجوهها، وإنّا ندفع قبل أن تطلع الشمس، مخالفًا هَدْيُنَا هَدْيَ أهل الشرك» [المستدرك على الصحيحين]

މާނައީ: އަލްމިސްވަރު ބުނު މަޚްރަމާ ވިދާޅުވިއެވެ. ޢަރަފާތް ބިމުގައި ހުންނަވައިގެން (އެބަހީ، ޢަރަފާތްދުވަހު) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހުރެމެންނަށް ޚުޠުބާއެއް ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދަންނައެވެ. މީހެއްގެ ބޮލުގައި އޮޅައިފައި އޮންނަ ފަގުނޑިއެއް ފަދައިން، ފަރުބަދަ މަތީގައި އިރު ވަނިކޮށް، އަދި މިއަދު (އެބަހީ، ޢަރަފާތް ދުވަހު) އިރުއޮއްސުމުގެ ކުރީން ޝިރުކުގެ އަހުލުވެރީންނާއި ބުދަށް އަޅުކަންކުރާ މީހުން (ޢަރަފާތް ބިމުން) ނުކުންނަ ދެއެވެ. އެހެނެއް ކަމަކު، އަހުރެމެން ނުކުންނާނީ އިރުއޮއްސުމުންނެވެ. އަދި އަލްމަޝްޢަރިލްޙަރާމުން (އެބަހީ، މުޒްދަލިފާއިން) އެބައިމީހުން ނުކުންނަކީ އިރުއަރައި ފަރުބަދަތައް މަތީގައި މީހެއްގެ ފަގުޑި އޭނާގެ ބޯމަތީގައި އޮންނަ ފަދައިން ވަނިކޮށެވެ. އެހެން ނަމަވެސް، އަހުރެމެން (މުޒްދަލިފާއިން) ނުކުންނާނީ އިރުއެރުމުގެ ކުރީންނެވެ. އަހުރެމެން ކަންކަން އެބައިމީހުންގެ ކަންކަމާ ޚިލާފުވެގެންވާތީއެވެ."

ޤުރުބާން ކުރުން:

ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ގެފުޅު ވަށައިގެން އެތަކެއް ބުދު ބަހައްޓައިފައި ހުއްޓެވެ. ބުނެވޭގޮތުން ތިންސަތޭކަ ފަސްދޮޅަސް ބުދު، ކަޢުބާ ވަށައިގެން ބަހައްއްޓިފައި ހުއްޓެވެ. އެ އެއްޗެއްސަށް އެބައިމީހުން ޤުރްބާންކޮށް އުޅުނެވެ. އޭގެ ލޭތައް އެ ތަނަށް އޮހޮރައިލައި، އޭގެ މަސްތައް އެ ބުދުތަކުގެ މަތީގައި ބަހައްޓައި އުޅުނެވެ. އަދި އެ މަސްތަކެއް އެބައިމީހުން ކެއުމަކީ ޙަރާމްކަމެއް ކަމުގައި އެބައިމީހުން ދުށްޓެވެ. އެއީ ބުދުތަކަށް އެބައިމީހުން ޤުރްބާންކުރާ މަސްތަކެކެވެ.

މިއީ ޤުރައިޝުންނާއި ޢަރަބީން ޖާހިލިއްޔަ ޒަމާނުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ކަންތައް ކޮށްއުޅުނު ބައެއް ގޮތްގޮތެވެ. ދެން ލިޔާ ލިޔުމެއްގައި މީގެ އިތުރު ކަންކަން ހިމަނައިލަން ގަސްތުކުރަމުން މި ލިޔުން ނިންމައިލަމެވެ.