ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ފުރިހަމަ ތާއީދާ އެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިންތިޚާބުކޮށްފި އެވެ.
ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް ވަކިވަކިން ނެގި ވޯޓުގައި ނާޒިމަށް ވަނީ 80 ވޯޓު ލިބިވަޑައިގެންފަ އެވެ.
މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް ނެގި ވޯޓުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް 80 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެހެންކަމުން ބެލެވެނީ އެއީ ޕީއެންސީ އާއި އެ ޕާޓީ އަށް ތާއީދުކުރާ މެންބަރުންގެ އިތުރުން މިނިވަން މެންބަރުންގެ ވޯޓު ވެސް ނާޒިމަށް ލިބުނީ ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ވޯޓު ނުހިމަނަ އެވެ.
މަޖިލީހުގެ ނައިބް ރައީސް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ނޮމިނޭޓް ކުރައްވާފައި ވަނީ އެމަނިކުފާނާ އާއިލާ ގޮތުން ގުޅުން އޮތް ނާޒިމް އެވެ.
އެމްޑީޕީން ނައިބް ރައީސް ކަމަށް ހުށަހެޅި މަރަދޫ ދާއިރާގެ އަހުމަދު ދީދީ އަށް 12 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެހެންކަމުން އެމްޕީޑީގެ ހުރިހާ މެންބަރުން އޭނާ އަށް ވޯޓު ދެއްވި ކަމަށް ބެލެވެ އެވެ. ބާތިލް ވޯޓެއް ނެތެވެ. ވޯޓު ދެއްވި ޖުމުލަ މެންބަރުންގެ އަދަދަކީ 92 އެވެ.
މަޖިލީހުގެ ރައީސް އަށް ހޮވުމަށް ނެގި ވޯޓުގައި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ. އެމްޕީޑީން ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ބާތިލްގެ ގޮތުގައި ވަނީ ހަތް ވޯޓު ގުނައިފަ އެވެ. އެހެންކަމުން އަދުރޭ ރައީސް ކަމަށް އިންތިޚާބުވިއަސް ޕާޓީ އަށް ތާއީދުކުރާ ހުރިހާ މެންބަރުންގެ ތާއީދު ނެތްކަން ދޭހަވެ އެވެ.