ލޯބިވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސައިކަލު ބުރުޖަހާލަން ދިޔަ އިރު ކޮވިޑް-19 އާއި ގުޅިގެން ހެދިފައިވާ ޓްރެފިކް ގަވާއިދުތަކާ ހިލާފަށް، މާސްކާއި ހެލްމެޓް ނާޅާ ދިއުމުން ބޮލީވުޑްގެ ތަރި ވިވެކް އޮބަރޯއީ ޖޫރިމަނާކޮށްފި އެވެ.
ވިވެކް ވަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ސައިކަލު ދުއްވާލަން ގޮސް ހުރި ވީޑިއޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯގައި އޭނާ އިނީ މާސްކު އަދި ހެލްމެޓް ވެސް ނާޅަ އެވެ. ފާޑުކިޔަމުންދާ މީހުން ބުނާގޮތުން މި ބަލިމަޑުކަމުގެ ތެރޭގައި މާސްކު ނާޅާ ބޭރުތެރޭގައި އުޅުމަކީ އެންމެން ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދާނެ ކަމެކެވެ. އަދި ޓްރެފިކް ގަވާއިދާ ހިލާފުވުމަކީ އެހެން މީޙުންގެ ސަލާމަތާއި ރައްކާތެރިކަން ރިސްކެއްގެ ތެރެއަށް ވައްޓާލެވޭ ކަމެކެވެ.
އިންޑިއާ ޓުޑޭ ގައި ރިޕޯޓުކޮށްފައިވާ ގޮތުން މުމްބާއީގެ ޕޮލިހުން ވަނީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި މައްސަލާގައި ވިވެކް 500 އިންޑިއާ ރުޕީސް އިން ޖޫރިމަނާ ކޮށްފަ އެވެ.
މީގެ އިތުރުން މާސްކު ނާޅާ ބޭރު ތެރޭގައި އުޅުމުގެ ސަބަބުން އޭނާއާ ދެކޮޅަށް ޖޫހޫ ޕޮލިސް ސްޓޭޝަނަށް ވަނީ މައްސައެއް ހުށައަޅާފަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވިވެކްގެ ބަޔާން ނަގަން ދިޔަ އިރު އޭނާ ހުރީ ދިއްލީގަ އެވެ.