ކައިވެނި ކުރުމަށް އެންމެ އެކަށީގެންވާ އުމުރަކީ ކޮބާކަމާ މެދު ވަރަށް ގިނަ ބަހުސްތަކެއް ކުރެވެ އެވެ.
ކައިވެނި ކުރުމަށް ތައްޔާރުވެފައި ހުރި ނަމަ އުމުރަށް ބެލުމަކީ ބޭކާރު ކަމެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި ކިތަންމެ ލޯބިވީ ނަމަވެސް ކައިވެނި ކުރަން ވާނީ ވަކި އުމުރަކަށް ދިޔައީމަ އެވެ.
ކައިވެނި ކުރުމުގެ އެއް މަގުސަދަކީ ދެ މީހުންނަށް އެކަކު އަނެކަކުގެ ގާތުން އުފާ ލިބުން ކަމުގައި ވާއިރު އެކަން ހާސިލް ކުރެވޭނީ ހަރުދަނާ ދެމީހަކު ކައިވެނި ކޮށްގެންނެވެ. ސައިންސްގެ ހެކިތަކުން ދައްކާ ގޮތުގައި އިންސާނަކު ފުރާ ފުރިހަމަވެ އެންމެ ހަރުދަނާ ވެވޭނީ އުމުރުން 26 އަހަރުގަ އެވެ.
ކައިވެނި ކުރުމަށް އެންމެ އެކަށީގެންވާ އުމުރަކީ ކޮބައިކަމާ މެދު ވަރަށް ގިނަ ބަހުސްތަކެއް ކުރެވެ އެވެ. ކައިވެނި ކުރުމަށް ތައްޔާރުވެފައި ހުރި ނަމަ އުމުރަށް ބެލުމަކީ ބޭކާރު ކަމެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ކިތަންމެ ލޯބިވީ ނަމަވެސް ކައިވެނި ކުރަން ވާނީ ވަކި އުމުރަކަށް ދިޔައީމަ އެވެ. އެއަށްވުރެ ދަށް އުމުރުގައި ހަރުދަނާ ނުވެވޭނެއޭ ބުނަނީއެއް ނޫނެވެ. ނަމަވެސް ކިޔަވާ ނިމުމަށްފަހު ރަނގަޅު ވަޒީފާއެއް ނުލިބި އަމިއްލަ ފައިމައްޗަށް ނުތެދުވެވި އުޅެނިކޮށް ކައިވެންޏެއް ކޮށްފި ނަމަ ދެމީހުންގެ ދެމެދުގައި ދެބަސްވުން ގިނަވާނެ އެވެ. ނަތީޖާއަކަށްވާނީ ވަރި ވެސް ގިނަވުމެވެ.
ނަފްސާނީ ގޮތުން އަންހެނުންނަށް ބަލާލާއިރު، ޅަ އުމުރުގައި ކައިވެނިކޮށްގެން މައިންބަފައިންނާއި ދުރުގައި އުޅެން ޖެހުމުން ދިމާވާނެ އެތަކެއް ދަތިތަކެއްވެ އެވެ. ވަޒީފާއެއްގައި އުޅޭ އަންހެނެއް ނަމަ ފިރިމީހާއަށް ކޮށްދެން ޖެހޭ ކަންކަމުގައި އިހުމާލު ވެވޭތަން އާދެ އެވެ. ނުވަތަ ފިރިމީހާގެ ކަންކަމާއި ގޭތެރޭގެ މަސައްކަތުގައި އުޅެން ހަދައިގެން ވަޒީފާއާ މެދު ފަރުވާ ކުޑަ ކުރެވެ އެވެ.
ފިރިހެނުންނަށް ބަލާއިރު، 18 އަހަރާއި 26 އަހަރާއި ދެމެދުގެ ފިރިހެނުން އެންމެ އިސްކަމެއް ދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައިވަނީ ރައްޓެހިންނާއެކު މަޖާ ކުރުމާއި އަމިއްލަ ނަފްސަށް ވަގުތު ހުސް ކުރުމެވެ. ނަމަވެސް އޭގެ ބަދަލުގައި ކައިވެންޏަކާއި އަމިއްލަ އާއިލާއެއްގެ ޒިންމާ ބޮލުގައި އެޅި އަމިއްލަ ނަފްސަށް ހުސްކުރެވޭ ވަގުތު މަދު ވުމުން ރުޅިގަދަވާ ގޮތްވެ އެވެ.
އެހެނެއް ކަމަކު ކައިވެނި މާ ބޮޑަށް ފަސް ކުރުމަކީ ވެސް ސައިންސްވެރިން ލަފާދޭ ކަމެއް ނޫނެވެ. އުމުރުން 40 އަހަރަށްވުރެ މައްޗަށް ހިނގައްޖެ ނަމަ ބަޔޮލޮޖިކަލް ކްލޮކް ލަސްވެ ދަރިން ހޯދުމުގައި ދެފަރާތަށް ވެސް އެކި އުނދަގޫތަކާ ކުރިމަތިވުން އެކަށީގެންވެ އެވެ.
އެހެންކަމުން ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި ކައިވެންޏެއް ކުރުން އެންމެ ރަނގަޅީ 26 އަހަރާއި 40 އަހަރާ ދެމެދުގަ އެވެ. އެއީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި މާލީ ގޮތުން ވެސް މީހާ އެންމެ ހަރުދަނާވާ އުމުރަށް ވާތީ އެވެ.