ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑިޒްނީގެ އެނިމޭޓަޑް ފިލްމު "މޯނާ 2"ގެ ފުރަތަމަ ޓްރެއިލާ އެ ކުންފުނިން ރިލީޒްކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ނެރުނު އެ ޓްރެއިލާގައި ބެލުންތެރިން ޝައުގުވެރިވާ ފަދަ ކަންތައްތަކެއް ދައްކުވައިދެ އެވެ. މި ފިލްމުގައި ވެސް މޯނާގެ އަޑު އޯލީ ކްލަވަލްހޯ އަޅައިދިން އިރު މައުއީގެ ކެރެކްޓަރަށް އަޑު އަޅައިދީފައިވަނީ "ދަ ރޮކް" އެވެ.

ފީޗާ ފިލްމެއްގެ ގޮތުގައި ނެރެން ހަމަޖެއްސުމުގެ ކުރިން މޯނާ 2 އޮތީ ޑިޒްނީ ޕްލަސް އިން އޮންލައިން ސްޓްރީމްކުރާ ސީރީޒްއެއް ގޮތަށް ނެރުމަށް ހަމަޖެހިފަ އެވެ.

https://www.youtube.com/watch?v=qkgkUCqEum4

މީގެ 8 އަހަރު ކުރިން މޯނާގެ ފުރަތަމަ ފިލްމު ރިލީޒް ކުރެވުނު އިރު އެ ފިލްމަށް ހާއްސަކޮށް ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

މޯނާ 2ގެ އިތުރުން މި ފްރެންޗައިޒްގެ ލައިވް އެކްޝަން ފިލްމެއްގެ މަސައްކަތް ވެސް ކުރެވެމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.