ވޮޝިންޓަން (20 ފެބްރުއަރީ) - އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކޮވިޑް ވެކްސިން ޖެހުމުން އާންމުކޮށް ފެންނާނެ އަލާމާތްތަކުގެ ލިސްޓެއް ނެރެފި އެވެ.
ސީޑީސީން ހުކުރު ދުވަހު އާންމުކުރި ޑޭޓާތަކަކީ މިދިޔަ އަހަރު ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން މިއަހަރު ޖެނުއަރީ 13 ވަނަ ދުވަހާ ހަމަޔަށް ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނެގި މީހުންގެ ފަރާތުން އެއްކުރި ޑޭޓާތަކެކެވެ.
ސީޑީސީން ބުނިގޮތުގައި އެ އެޖެންސީގެ ވީ-ސޭފް މެސެޖްކުރާ އެޕް އަދި އެޑްވާސް އިވެންޓް ރިޕޯޓިން ސިސްޓަމް މެދުވެރިކޮށް 6،994 ރިޕޯޓް އެ އެޖެންސީ އަށް ލިބިފައިވެ އެވެ.
ސީޑީސީން ބުނިގޮތުގައި އެއެޖެންސީ އަށް ރިޕޯޓްކުރި ކޭސްތަކުގެ ތެރެއިން 6،354 ކޭސް އަކީ އެހާ ސީރިއަސް ނޫން ކޭސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކޭސްތަކެވެ. އަދި 640 ކޭސް ވަނީ ސީރިއަސް ކޭސްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި 113 މަރު ވެސް ހިމެނެ އެވެ. ވެކްސިން ޖެހި މީހުންގެ އެވެރެޖް އުމުރަކީ 42 އަހަރު ކަމަށާއި އަދި މެޖޯރިޓީ މައްސަލަތަށް ފާހަގަކުރެވިފައި ވަނީ އަންހެނުންގެ ފަރާތުން ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެންމެ އާންމުކޮށް ވެކްސިން ޖެހި މީހުންގެ ފަރާތުން ފެންނަ ކަމަށް ފާހަގަކުރެވިފައި ވަނީ ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުން، ބޯއެނބުރުން، ހީކެރެވުން އަދި ހޮޑުލެވުން ކަމަށެވެ. އަދި މީގެ އިތުރުން ބައެއް މީހުން މަސްތަކުގައި ރިއްސުމާއި ހުން އައުން އަދި ހުޅުތަކުގައި ރިއްސާކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ވެކްސިން ޖެހިފަހުން މަރުވިކަމަށް ރިޕޯޓްކުރި 113 މީހުންނަކީ ގިނަ ދުވަސްތަކެއް ވަންދެން ކެއާ ފެސިލިޓީސްތަކުގައި އެޑްމިޑްކޮށްގެން ފަރުވާދެމުން ގެންދިޔަ މީހުންކަމަށާއި މި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.
ސިއްހީ އޮފިޝަލުން ބުނިގޮތުގައި ވެކްސިން ޖެހުމުން ސައިޑް އިފެކްޓް ފެނުމަކީ މައްސަލައެއް ނޫން ކަމަށާއި، ސައިޑް އިފެކްޓްސް ފެންނަ ކަމުގައި ވާނަމަ އޭގެ މާނައަކީ ވެކްސިން ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ. އަދި ދެވަނަ ޑޯޒްގެ ވެކްސިން ޖެހުމުން އާންމުކޮށް އަންނަ ވަރަށްވުރެ ގަދައަށް ހުންނަ ނުވަތަ ސައިޑް އިފެކްޓްސް ފެންނާނެ ކަމަށާއި އެކަމަށް ތައްޔާރުވެގެން ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.
ފައިޒާ އަދި ބަޔޯ އެން ޓެކުން ވެސް ވަނީ އެމީހުންގެ ވެކްސިން ޖެހުމުގެ ސަބަބުން ސައިޑް އިފެކްޓް ފެންނާނެ ކަމަށާއި އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމުގައި ހާމަކޮށްފަ އެވެ.
ސައިޑް އިފެކްޓް ފެނުނު ކަމުގައިވިޔަސް ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.
ސީޑީސީން ބުނީ ވެކްސިން ޖެހުމުގެ ސަބަބުން ފެންނަ ސައިޑް އިފެކްޓަކަށް ބޭސް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް ބޭނުންކުރުމަކީ އެންމެ އެދެވޭ ގޮތްކަމަށެވެ.