މުސްލިމުންނާއި ދެކޮޅު ހިނގާލުމެއް މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބާއްވައިފި އެވެ.

މި ހިނގާލުން އިންތިޒާމްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޓޮމީ ރޮބިންސަން ކިޔާ މީހަކާއި އިނގިރޭސިވިލާތުގެ އެކްޓަރެއް ކަމަށްވާ ލައުރެންސް ފޮކްސް ކިޔާ މީހެކެވެ. މި ދެމީހުން ތިބީ ހިނގާލުމުގެ އެންމެ ކުރީގަ އެވެ.

މި ހިނގާލުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް އެތައް އެއްޗެއްވަނީ ހަރު އަޑުން ގޮވާފަ އެވެ. ހިނގާލުގެ ކުރީގައި ބޭނުންކުރި ބެނާގައި "މިއީ ލަންޑަން، ލަންޑަންއިސްތާން އެއް ނޫން" މިހެން ލިޔެފައިވެ އެވެ.

ހިންގާލުމުގައި ބައިވެރިވި މީހުން

މިއީ ލަންޑަންގައި ދިރިއުޅޭ މުސްލިމުންގެ އަދަދު އިތުރުވާތީ އެކަމާ ހިތްހަމަނުޖެހިގެން ބޭއްވި އެއްވުމެކެވެ.

މި ހިނގާލުމުގައި އިސްވެހުރި ޓޮމީ ވަނީ އެއްވުމުގައި ތިބި މީހުންނަށް އިޝާރާތްކޮށް "މިއީ ލަންޑަނުން ފެންނަން ޖެހޭނެ މަންޒަރު ކަމަށާއި، ހިމޭނުން ދެން ނުހުންނާނެ ކަމަށް" ބުނެފަ އެވެ. މި ހިނގާލުމުގައި ބައިވެރިވެފައި ވަނީ ގިނަ އަދަދެއްގެ ދޮން ނަސްލުގެ މީހުންނެވެ. އެމީހުން ތިބީ އިނގިރޭސިވިލާތުގެ ދިދަ ހިފައިގެންނެވެ.

މި ހިނގާލުުގައި އެތައް ހާސް މީހުން ވަނީ ބައިވެރިވެފަ އެވެ. ފާޅުކަންބޮޑު ގޮތެއްގައި މުސްލިމުންނާ ދެކޮޅަށް މިފަދަ އެއްވުމެއް ބޭއްވުމުން އިނގިރޭސިވިލާތުގެ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.