ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީގެ މުގައްރިރު ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި އިގްތިސާދީ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު މިއަދު އިންތިހާބުކޮށްފި އެވެ.
މަޖިލިހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން ވަނީ ކަނޑައަޅައިފަ އެވެ. މުގައްރިރުންނާއި ނައިބު މުގައްރިރުން ކަނޑައަޅާން ފަށާފައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ހަމަޖައްސައި މަޖިލިހުގެ ތަޅުމުން އެކަން ފާސް ކުރުމުންނެވެ.
އެގޮތުން މަޖިލިހުގައި ހިމެނޭ މުހިންމު ކޮމިޓީއެއް ކަމަށްވާ އެސްއޯއީ ކޮމިޓީ އަށް އިންތިހާބު ކުރީ ޝުޖާއު އެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބު ކުރީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ހުސެއިން (އިއްބެ) އެވެ.
އިގްތިސާދީ ކޮމިޓީގެ މުގައްރިރު ކަމަށް ފަޒާދު އިންތިހާބު ކުރި އިރު، އެ ކޮމިޓީގެ ނައިބު މުގައްރިރު ކަމަށް އިންތިހާބުކޮށްފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
އެސްއޯއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ޝުޖާއު އާއި އިއްބެގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރާއި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
އިގްތިސާދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފަޒާދާއި ސައުދުﷲ ގެ އިތުރުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރާއި ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް އާއި ކެނދިކުޅުދޫ ދާއިރާ މުހައްމަދު ޢަފޫ ހާމިދު އާއި ކެންދޫ ދާއިރާ މައުރޫފް ޒާކިރާއި ކާށިދޫ ދާއިރާ މުންތަސިމް އިބްރާހިމާއި މީދޫ ދާއިރާ އަހުމަދު ސިޔާމް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާ ސައުދުﷲ ހިލްމީ އާއި ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލް އެވެ.