މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު އައްޔަން ކުރަން ފެންނަ ކަމަށް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ޝުޖާއުގެ ނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 88 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް ޝުޖާއުގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ނަމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައި އޮންނަ 11 މެމްބަރުންގެ ބޯޑެކެވެ.
އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
ނިމިދިޔަ ދައުރުގައި އެ ބޯޑުގައި މަޖިލިސް ތަމްސީލް ކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.