ކަޝްމީރު (ޖޫން 4) - އިންޑިއާގެ ހިންދޫގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރުކާރުން ކަޝްމީރަށް ޖައްސާ އުނދަގޫތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ލީޑަރަކަށް ޝެއިޚް އަބްދުލް ރާޝިދު ވާނެ އެވެ.

އިންޑިއާގައި ހުއްދަ ނޫން ހަރަކާތްތައް ހިންގާ މީހުންނާ ދެކޮޅަށް އަމާޒުކޮށް ފާސްކުރި ގާނޫނުގެ ދަށުން 2019 ވަނަ އަހަރު ހައްޔަރުކުރި ފުރަތަމަ ސިޔާސީ ލީޑަރަކީ ވެސް ރާޝިދެވެ. ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން އޮގަސްޓް 2019 ގައި ރާޝިދު ހައްޔަރުކުރީ ޓެރަރިޒަމަށް ވާގިވެރިވާ ފަދަ ހަރަކާތްތަކަށް ޚަރަދުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. މި ގާނޫނަކީ ގިނަ ބަޔަކު ބުނާ ގޮތުގައި ކަޝްމީރުގެ މުސްލިމުންނަށް އަމާޒުކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ފާސްކުރި ގާނޫނެކެވެ.

އޭގެ ފަހުން އުމުރުން 57 އަހަރުގެ ރާޝިދު ދުވަސްތައް ހޭދަކުރަމުން ދިޔައީ ދިއްލީގެ ތިހާރު ޖަލުގަ އެވެ. ނަމަވެސް ނިމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބުގައި ޖައްމޫ ކަޝްމީރުގެ ބަރަމުއްލާ ސަރަހައްދަށް އޭނާ ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ޖަލުގައި ހުންނެވި ނަމަވެސް ކެމްޕޭން ކަންތައް ކުރިއަށް ގެންދިޔައީ ރާޝިދުގެ ދެ ފިރިހެން ދަރިންނެވެ. އެ މީހުން ބުނަމުން ދިޔައީ ބައްޕަ ޖަލުން މިނިވަން ކުރެވޭނީ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ.

އިންތިޚާބުގައި ރާޝިދު ބަލިކުރީ ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ އެވެ.

އިންޖިނިއާ ރާޝިދުގެ ނަމުން މަޝްހޫރު ރާޝިދުގެ މި ކާމިޔާބީއަކީ ކަޝްމީރުގައި ބީޖޭޕީގެ ސަރުކާރުން ހިންގާ އަމަލުތަކާ ދެކޮޅަށް އަޑު އުފުލަން މުސްލިމުންނަށް ލިބުނު އިތުރު ހިތްވަރެކެވެ.