އަމީތާބް ބައްޗަންއަކީ ފިލްމީ ދާއިރާގައި އޭނާ ކޮށްފައިވާ މަސައްކަތްތަކަށްޓަކައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޝަހްސިއްޔަތެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އިންޑިއާގެ ސިޔާސީ ދާއިރާއިން ވެސް އަމީތާބު ފެނުނުކަމެވެ.
އެހެން ނަމަވެސް އަމީތާބުގެ ސިޔާސީ ހަޔާތަކީ ވަރަށް ކުރު ހަޔާތެކެވެ. އާއްމުންގެ ބޮޑު ތަރުހީބަކާއެކު ސިޔާސީ ދާއިރާއަށް ނުކުތް އަމީތާބު އެ ދާއިރާއިން ގެއްލުނީ ވެސް ކުއްލިއަކަށެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ދެ ވަނަ އަހަރު ފިލްމު ކޫލީގެ ޝޫޓިންގެ ތެރެއިން އަމީތާބަށް ލިބުނު އަނިޔާއާއެކު އޭނާ މަރާ ހަނގުރާމަ ކުރަމުން ދިޔައިރު މުޅި އިންޑިއާ އޭނާގެ ހެޔޮ ހާލަށް ދުއާ ކުރުމުގައި އަތް ގުޅާލި އެވެ. އޭގެ ދެ އަހަރު ފަހުން އިންދިރާ ގާންދީގެ ސިކް ދީނަށް ތަބާވާ ހަށިފާރަވެރިން އޭނާ މަރާލުމާއެކު ސިކް ދީނުގެ މީހުންނާ ދެކޮޅަށް މުޅި އިންޑިއާގައި ހަމަނުޖެހުންތައް ފެށުނެވެ.
ގާންދީ އާއިލާއަށް ކުރިމަތިވަމުން ދިޔަ ފިއްތުންތައް ހައްލު ކުރުމަށްޓަކައި އިންދިރާ ގާންދީގެ ދަރިފުޅު ރާޖީވް ގާންދީ އެވަގުތު އެހީއަށް އެދުނީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަމީތާބުގެ ކައިރިންނެވެ.
ރާޖީވްގެ އެދުމުގެ މަތިން ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އައްލާހްއާބާދުގެ ގޮނޑިއަށް އަމީތާބު ވާދަކުރި އިންތިހާބުގައި އޭނާއަށް ކާމިޔާބު ލިބުނީ ބޮޑު ތަފާތަކުންނެވެ.
އެހެން ނަމަވެސް އަމީތާބަށް ސިޔާސީ ދުނިޔެ ވީ މުޅިން އާ ދުނިޔެއަކަށެވެ. އެ ދާއިރާގައި ކުރަން ޖެހުނު ބައެއް ކަންކަމަކީ އޭނާ ހިތާ ދެކޮޅަށް ކުރި ކަންކަމެވެ.
އެ ވާހަކަތައް ފާޅުގައި ދެއްކުން ވީ ކޮންގްރެސް ޕާޓީއަށް ހަޖަމުވި ކަމަކަށް ނޫނެވެ. ނަތީޖާއަކަށްވީ އަމީތާބާ ދެކޮޅަށް ޕާޓީ ތެރޭގައި މަސައްކަތް ފެށުމެވެ.
ހަމަ އެ ދުވަސްވަރު ސްވިޑަންގެ ކުންފުންޏަކަށް އިންޑިއާ އަސްކަރިއްޔާގެ ހަތިޔާރުތައް ހަދަން ދިނުމަށް ވެވުނު އެއްބަސްވުން އެ ކުންފުންޏަށް ހޯދައިދިނުމުގައި ބައެއް ސިޔާސީ ފަރާތްތަކުން ރިޝްވަތު ހިފި މައްސަލައެއް ފެންމަތިވި އެވެ. އޭގެ ތެރެއިން އެކަކަކީ އަމީތާބެވެ.
މިހުރިހާ ކަމަކާއެކު ސިޔާސީ ދާއިރާގައި އަމީތާބަށް އޮތް ތަރުހީބު ފަނޑުވަމުން ދިޔަ އެވެ. ނަތީޖާއަކަށްވީ އެންމެ ފަހުން އެ ދާއިރާއިން ވަކިވެ އަލުން ފިލްމީ ދާއިރާއާ ގުޅުމެވެ.
އަމީތާބު ދެކޭ ގޮތުގައި ސިޔާސީ ދާއިރާއަށް ވަނުމަކީ އޭނާގެ ހަޔާތުގައި ޖަޒްބާތުގައި ޖެހި ހެދުނު ބޮޑު ގޯހެކެވެ. އެއީ ކުޑައިރުގެ ރަހުމަތްތެރިޔާއަށް އެހީވާން އޭނާ ކުރި "ކޮސް" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.