ބެންކޮކްގެ އެންމެ މަޝްހޫރު މާކެޓްކަމަށްވާ ޗަޓޫޗަކް މާރުކޭޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ މާރުކޭޓުގައި ވިއްކަންހުރި 1،000 އަށް ވުރެ ގިނަ ޖަނަވާރު ފިހިގެން މަރުވެއްޖެ އެވެ.

މި ޖަނަވާރުތައް ބަހައްޓާފައި ހުުންނަނީ ކޮށީގަ އެވެ. މަރުވި ޖަނަވާރުތަކުގެ ތެރޭގައި ކުއްތާ، ދޫނި، ބުޅާ އަދި ހަރުފަ ހިމެނެ އެވެ. މިއީ މުޅިން ވެސް މި މާރުކޭޓުގައި ވިއްކަން ހުރި ޖަނަވާރުތަކެވެ.

މި ހާދިސާގައި އެއްވެސް މީހަކަަށް އަނިޔާއެއް ނުވެ އެވެ. އަލިފާން ހިފާފައި ވަނީ ކަރަންޓް ޝޯޓެއް ވެެގެން ކަމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ ކަށަވަރުކޮށްދީފަ އެވެ. ގާތްގަނޑަކަށް 100 ފިހާރާއިގައި އަލިފާން ރޯވިއިރު، އަލިފާން ނިވާލެވުނީ އެއް ގަޑިއިރުންނެވެ.

ޗަޓޫޗަކް މާރުކޭޓަކީ ވަރަށް ގިނަ ބެންކޮކްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެކެވެ. މި މާކެޓްގައި 15،000 އަށް ވުރެ ގިނަ ފިހާރަ ހުރެ އެވެ. ހަފްތާ ބަންދާ ދިމާކޮށް 200،000 މީހުން މި މާކެޓަށް ދާ ކަމަށް ލަފާކުރެވެ އެވެ.

މި މާކެޓްގެ ޖަނަވާރު ސެކްޝަނަކީ ޖަނަވާރުންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކުރާ ޖަމިއްޔާ ޕެޓާ އަދި ވައިލްޑް ލައިފް ފްރެންޑް ފައުންޑޭޝަންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ތަނެކެވެ. މި ހާދިސާއާ ގުޅިގެން އެ ޖަމިއްޔާތަކުންވަނީ މި މާކެޓްގައި ޖަނާވާރު ވިއްކުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލާފަ އެވެ.