މިއަހަރުގެ އަޟްހާ އީދު އަހަރުމެންނާ އައިސް ބައްދަލު ކުރިއިރު މިއަހަރުގެ ފޯރި އެހެނިހެން އަހަރުތަކަށް ވުރެ ވަކިން ބޮޑުހެން ހީވެ އެވެ. ވާނީ ވެސް އެހެންތާ އެވެ. މިފަހަރު ދިވެހީންނަށް އައީ ދެ އީދު އެކުވެގެން އައި އީދެކެވެ. އެހެން ކަމުން އީދުގެ މަޖަލާއި ފޯރި ވެސް ދެގުނަވީ އެވެ.

ބުނަން މިއުޅެނީ ހުކުރު ދުވަހުގެ ރޭ ފެށިގެން ދިޔަ ޔުއެފާ ޔޫރޯ 2024 ފުޓުބޯޅަ މުބާރާތުގެ ވާހަކަ އެވެ. މިއީ ވެސް ފުޓުބޯޅައަށް ލޯބިކުރާ ދިވެހިންނަށް އައި އީދެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ޖަރުމަނުގައި އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޔޫރަޕްގެ ނަންކިޔާ ގައުމުތަކުގެ ގައުމީ ޓީމް ފެނިގެންދާނެ އެވެ.

މި ފުޓުބޯޅަ އީދަށް ދިވެހި ރާއްޖެ ވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެކަން އެނގެނީ ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާތަކުންނެވެ.

ޔޫރޯ 2024 ފެށެން ކައިރިވުމާއެކު ވިޔަފާރިތަކުން އެ މީހުން ވިޔަފާރި މެކުހަށް ޖެހި އެވެ. މުބާރާތާ ގުޅުވައިގެން އެކި ކަހަލަ ޕްރޮމޯޝަންތަކާއި ލަކީޑްރޯތައް އިއުލާން ކުރި އެވެ.

މަގުތަކާއި ގޭގޭގެ ފާރުތަކުން މާ ލަހެއް ނުވެ ފުޓުބޯޅަ ފޯރީގެ "ގްރެފިޓީ" އާޓް ފެންނަން ފަށާފާނެ އެވެ. ސަޕޯޓުކުރާ ޓީމެއްގެ ދިދަ އެވެ. ނޫނީ ކުޅުންތެރިއެއްގެ މޫނެވެ.

މީޑިއާތަކުން މުބާރާތުގެ މަހެއް ކުރިން ޕްރީ ޝޯތައް ފަށައިފި އެވެ. ބެލުންތެރިން ގަޔާވާނެ ފަދަ ގޮތަކަށް އެ މުބާރާތުގެ ލައިވް ގެނެސްދޭން ހަމަ ކޮންމެ މީޑިއާއަކުން ވެސް މަސައްކަތް ކުރެ އެވެ.

މިހާރު ކުރިއަށްދާ ފުޓުބޯޅަ ފޯރިއާއި އަޟްހާ އީދުގެ ފޯރި އެއްވެގެން މި އީދަކީ ދިވެހިންނަށް އައި ވަރަށް ހާއްސަ އީދަކަށް ވާނެ އެވެ.