މަޝްހޫރު ގޮޅަ ރިހައަކީ ލ. އަތޮޅަށް ޚާއްސަ ރިހައެކެވެ. ލ. އަތޮޅުގެ މީހުންގެ މެދުގައި މަގުބޫލް މި ރިހަ އަކީ، އެ އަތޮޅަށް ޒިޔާރަތްކުރާ މެހުމާނުން ވެސް ކޮންމެހެން ރަހަ ބަލައިލަން ބޭނުންވާ މީރު ރިހައެކެވެ.

އެ އަތޮޅު ކައުންސިލަރެއް ކަމަށްވާ އައިޝަތު އަޒީމާ ވިދާޅުވިގޮތުގައި މި ރިހައަކީ ވަރަށް ކުރީ ޒަމާނުއް ސުރެ އެ އަތޮޅުގެ ރައްރަށުގައި ކައްކަމުން އައި އެއަތޮޅުގެ ސަގާފީ ރިހައެކެވެ.

މަސްގުޅަ ތަކެއްހިމެނޭ މިރިހަޔަށް އެއަތޮޅުގައި ދެވިފައިވާ ނަމަކީ "ގޮޅަ ރިހަ" އެވެ.

"ބޮޑު ކޭމަށް ކާއްކާ އެއްޗެއް ގޮޅަ ރިހަ އަކީ. ވަރަށް ޚާއްސަކޮށް އެ އަންނާނީ. ހާއްސަ މުނާސަބަތުތަކުގައި ކައްކަނީ. ވަރަށް މީރުވާނެ. މިރަށަށް ޒިޔާރަތް ކޮށްފިއްޔާ ގޮޅަ ރިހަ ނުކައެއް ނުދާނެ،" އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވިގޮތުގައި ގޮޅަ ރިހައަކީ ބޮޑު ކޭމަށް ނުވަތަ ޚާއްސަ ދުވަސް ދުވަހަށް ތައްޔާރުކުރާ މަލާފަތުގައި ހިމެނޭ ޚާއްސަ ބާވަތެކެވެ. އެހެން ނަމަވެސް އީދު ދުވަސްތަކުގަ އާއި، ބަރާ ވިލޭރޭ ގެ އިތުރުން ހުކުރު ދުވަސްދުވަހު ވެސް ގެގޭގަ ކައްކާ ހަދަ އެވެ. އަދި ލޮނުމިރުހާއި ފަރުމަސް މޮޑެގެން ފަސްއޮށެއްގެ ސައިޒަށް ގުޅަވަށައިގެން މިރިހަ ތައްޔާރު ކުރުމުގައި ވަރަށް ގިނަ ވަގުތު ހޭދަވާކަށް ވެސް އަޒީމާ ވިދާޅުވި އެވެ.

"ކަށި ވެސް ހުޅުނބު ވެސް ނުލާ މަސްގަނޑު ވަޅިއަކުން ކަހައިގެން ނަގާނީ ވަރަށް ލަސްލަހުން. އެކަމަށް ވަރަށް ވަގުތު ނަގާނެ. އެއަށްފަހު ދިވެހި ހަވާދުގައި ކައްކަނީ،" އާޒީމާ ގޮޅަރިހަ ކައްކާ ގޮތް ކިޔައިދެއްވަމުން ވިދާޅުވި އެވެ.