މިއުނިކް (15 ޖޫން) – ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ ސްކޮޓްލެންޑް އަތުން 5-1 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނުން ފެށުން ރަނގަޅުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ.

މެޗުގައި ޖަރުމަނުން ޖެހި ފުރަތަމަ ދެ ލަނޑު ޖެހީ ޖަރުމަންގެ ފުޓްބޯޅައިގައި މި ވަގުތު ތިބި އެންމެ އުންމީދީ ދެ ކުޅުންތެރިންނެވެ. މެޗުގެ 10 ވަނަ މިނިޓުގައި ޖަރުމަނަށް ލީޑު ހޯދައިދިނީ މިދިޔަ ސީޒަންގައި ބަޔާ ލޭވަކޫސަން އިން ވިދާލި ވިންގަ ފްލޯރިއަން ވްރިޓްޒް އެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ޖަރުމަންގެ ދެވަނަ ލަނޑު ޖެހީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޖަރުމަންގެ ކެޕްޓަން އިލްކޭ ގުންޑޮގަނަށް ޕެނަލްޓީ އޭރިޔާ ތެރެއިން ސްކޮޓްލެންޑްގެ ރަޔަން ޕޯޓިއަސް ކުރި ފައުލަކާ ގުޅިގެން، ޖަރުމަނަށް ޕެނަލްޓީއެއް ވަނީ ލިބިފަ އެވެ. އަދި ޕޯޓިއަސް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ޕެނަލްޓީ ކާމިޔާބުކޮށް ޖަރުމަންގެ ތިން ވަނަ ލަނޑު ޖެހީ އާސެނަލްގެ ކައި ހަވާޓްޒް އެވެ.

ދެވަނަ ހާފުގައި ޖަރުމަނަށް އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންއެރި ފޯވަޑް ނިކްލަސް ފުލްކްރޫގް އާއި ތަޖުރިބާކާރު މިޑްފީލްޑަރު އެމްރޭ ޗާން އެވެ.

ސްކޮޓްލެންޑަށް ސުން ކަނޑުވާލެވުނު ލަނޑަކީ ޖަރުމަންގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗަށް ފަހު ޖަރުމަންގެ ކޯޗު ޖޫލިއަން ނާގަލަސްމަން ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"ވަރަށް ހިތްހަމަޖެހޭ މެޗާމެދު. ވަރަށް އުފާވެއްޖެ. މުބާރާތެއްގެ ފުރަތަމަ މެޗުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން،" ނާގަލްސްމަން ބުންޏެވެ.

ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ މި މެޗުގައި ޖަރުމަންގެ ތަފާތު ފެނުނު ކަމަށާއި ސްކޮޓްލެންޑަށް "އެއް ފެންވަރަށް ނުކުޅެވުން" ކަމަށެވެ. -- އޭއެފްޕީ