އީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް އަޟްހާ އީދު ޚުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި އީދު ޚުތުބާގައި ވަނީ އަޟްހާ އީދު ދުވަހަކީ މީސްތަކުން ﷲ އަށްޓަކައި ގުރުބާން ކުރާ ދުވަސް ކަމަށެވެ. މުސްލިމުން މިދުވަހު ކުރާ ޤުރުބާންތަކުން އައުކޮށްދެނީ އިބްރާޙިމް އަލައިހިއްސަލާމްގެ ޒިކުރާކަމަށާއި އެކަލޭގެފާނުގެ ހަޔާތްޕުޅުން ހުރިހާ ހާލެއްގައިވެސް މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމުކަމުގެ އިބުރަތް ލިބޭކަމަށް ޚުތުބާގައިވެ އެވެ.

"އަހަރެމެން މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބަޢަވާން ޖެހެއެވެ. ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެއެވެ. އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ،" ޚުތުބާގައި ބުންޏެވެ.

މާލޭގެ ޓްރެކް ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި މިއަހަރުގެ އަޟްހާ އީދު ބޮޑު ޖަމާއަތުގައި ރައީސް މުހައްމަދު މުއިއްޒު ނަމާދުކުރަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮންމެ ބަޔަކުވެސް އެ ބަޔަކަށް މާތް ﷲ ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަމަ، މި ދުނިޔެއިން އެންމެހާ ފަސާދަތައް ނެތިހިނގައިދާނޭކަމަށްވެސް ޚުތުބާގައި ވެ އެވެ.

ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވުމާއި އެ ގައުމުގެ އަހުލުވެރިންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށްވުން ކަމަށް ވެސް ޚުތުބާގައިވެ އެވެ.

މާލޭގެ ޓްރެކް ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި މިއަހަރުގެ އަޟްހާ އީދު ބޮޑު ޖަމާއަތުގައި މީހުން ބައިވެރިވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މި ކަންކަން އެ ބަޔަކަށް ހާސިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެންނެވެ. ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަތަނުގެ މަސްލަހަތު އިސްކޮށްގެންނެވެ،" ޚުތުބާގައި ގޮވާލި އެވެ.

އަރަފާތު ބިމުގައި އެތަކެއް މުސްލިމުން އެއްވެ، އެއް ފޭރާމެއްގައި މާތް ﷲގެ ހަޒްރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ހާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވިއިރު، އިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަގީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަމަށެވެ.