އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި، މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)އިން އެ ދަރިވަރުންނަށް ހޯދައިދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އައްޑޫގައި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން އެދި މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި ދަރިވަރުންނަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެ ހޯދައިދިނުމަށް އަދި މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ ގައުމީ ތަރިކައިގެ ކޮމިޓީންނެވެ. އެކޮމިޓިން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަށް ސަރުކާރަށް ހުށަހެޅުމަށެވެ.
މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށެވެ. އަދި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށާއި، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިންކަމަށް މަޖިލީހުން ފާސްކޮށްފައިވެ އެވެ.
މީގެ އިތުރުން ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށް ވެސް ހުޅުވާލެވިގެން ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި ގައުމުގެ އިގްތިސާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއް ކަމަށް ކޮމިޓީއަށް ފެންނަ ކަމަށާއި، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ދިވެހިރާއްޖޭގައި އެފަދަ ފްލައިން ސްކޫލެއް ހިންގޭނެ މަގު ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށް ވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.
އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެތަނުގައި ކިޔަވަމުން އަންނަ ކުދިންގެ ކިޔެވުމަށް ބުރޫއަރާ އެ ކުދިންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން މަޖިލީހަށް ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، ބިދޭސީ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ މެދުގައި ސްކޫލުން ތަފާތުކުރާކަމަށް ބުނެފައިވެއެވެ. އެގޮތުން، ބިދޭސީ ދަރިވަރުންގެ ތަމްރީނުތައް ނިންމުމަށް ސްކޫލުން އިސްކަންދޭ ކަމަށާއި، ދިވެހި ދަރިވަރުން ކޯސް ފުރިހަމަކުރުމަށް އެތައް އަހަރެއް ހޭދަވާއިރު ކޯސް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބިދޭސީ ދަރިވަރުންނަށް ކޯސް ނިންމައިދޭ ކަމަށް ވެސް އެ ކުދިން ބުނެފައިވެ އެވެ. މީގެ އިތުރުން އުދުހުމުގެ ތަމްރީނުތަކުގެ ތާވަލު ދަރިވަރުންނަށް ޢާންމުނުކޮށް އެ ތާވަލު ސްކޫލުން ސިއްރުކުރަމުން ގެންދާ ކަމަށާއި، އެކަމުގެ ސަބަބުން ދަރިވަރެއްގެ ތަމްރީނު އެއްވެސް ސަބަބަކާ ހުރެ ކެންސަލްވީ ނަމަވެސް ތާވަލުން ޖާގައެއް ހުސްފައިވާކަން އެހެން ދަރިވަރުންނަށް ނޭނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ވެސް ގިނަ ކަންބޮޑުވުންތަކެއް އެދަރިވަރުން މަޖިލީހާއި ހިއްސާކޮށްފައިވެ އެވެ.
ރާއްޖޭގައި ހުރި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންގެ ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިތުރު ދެ ފްލައިން ސްކޫލް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ޙަރަކާތްތެރިވާ ދެކުންފުންޏަކުން މިހާރު ވަނީ ފަށާފަ އެވެ. އެއީ ވިލާ އެއާ އާއި މަންޓާ އެއާއިން އެވެ.