އައްޑޫ ސިޓީ ހުޅުމީދޫގައި މުޒާހަރާ ކުރާ މީހުން މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ހުއްޓުވައިފި އެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 80 ވަރަކަށް މުޒާހަރާގެ ބައިވެރިން ދަނީ ބުރާސްފަތި ދުވަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. އަދި އެ ސަރަހައްދުގެ އަމަން ބަލަހައްޓަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯ އިން ބުނީ މަސްވެރިންގެ މުޒާހަރާގެ ސަބަބުން ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަން އަލުން ފެށޭނެ ވަގުތެއް ބުނަން ދަތި ކަމަށެވެ. އަދި މިއަދު ހަވީރު ހަތަރެއްގެ ފަހުން ފިޝަރީޒް ކޮމްޕްލެކްސް އިން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓު ގެންނާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވާ ކަމަށް ވެސް މިފްކޯ އިން ބުނެފައިވެ އެވެ.

މިފްކޯ އިން ބުނީ ފިޝަރީޒް ކޮމްޕްލެކްސް އިން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓު ގެންނާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވާ ކަމަށެވެ.

މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއއެކު ކުރިއަށް ގެންދިޔުމަށް މިފްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ދެރައެއްކަމަށް މިފްކޯއިން ބުނެފައިވެ އެވެ.

މިފްކޯ އިން ބުނެފައި ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ ހުރުމުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މިފްކޯއަށް ގެއްލުންވާގޮތަށް މަސް ގަންނަ އަގު 25ރ. އަށް ވެސް ބޮޑު ކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާތަނަށް އައިއިރު، މަސްވެރިންނަށް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފަ އެވެ. ބާކީ އަދި ނުދެވި ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އެބަހުއްޓެވެ.