މުމްބާއި (23 ފެބްރުއަރީ ) - އިންޑިއާގެ އެންމެ މުއްސަނދި އާއިލާ، އަންބާނީ އާއިލާއިން ދުނިޔޭގެ އެންމެ ބޮޑު ޒޫ އިންޑިއާގައި ހަދަން ނިންމައިފި އެވެ.

އިންޑިޔާގެ ގުޖުރާތު ސްޓޭޓްގެ ހުޅަނގުގައި އޮންނަ ޖަމްނަގަރު ސިޓީގައި 113 ހެކްޓަރުގެ ބިމެއްގައި ޒޫ ހެދުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މި ޒުލަށް ކިޔުމަށް ހަމަޖެހިފައިވަނީ "ގްރީން ޒޫލޮޖިކަލް ރެސްކިއު އެންޑް ރިހިބިލިޓޭޝަން ކިންގްޑޮމް" އެވެ.

ޒޫ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްއަކީ ރިލަޔަންސްގެ އޯނަރު މުކޭޝް އަންބާނީގެ ފިރިހެން ދަރިފުޅު އަނަންތް އަންބާނީގެ ބެލުމުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ. ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ކުރިއަށް ގޮސްފިނަމަ ޒޫ އާންމުންނަށް އަންނަ އަހަރު ތެރޭގައި ހުޅުވޭނެ ކަމަށް ލަފާކުރެ އެވެ.

މިދިޔަ މަހު ރިލަޔަންސް އިންޑަސްޓްރީން ވަނީ އިންޑިޔާގެ އައްސާމް ސްޓޭޓް ޒޫ ހުންނަ ގުވައްޓީގައި އޮތް، ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކަޅު ޕެންތާއެއް އިޒްރާއީލުން ގެނައި ދެ ޒިބްރާއަކާ ބަދަލުކުރުމުގެ އެއްބަސްވުމެއް ހަދާފަ އެވެ.

މިކަމާ ގުޅިގެން އައްސާމް ޕްރަދޭޝް ކޮންގްރެސް ކޮމިޓީގެ ލީޑަރު ބޮބީޓާ ޝަރުމާ އަދި އެ ސްޓޭޓްގެ ޕާޓީތަކުންވަނީ ފާޑުކިޔާފަ އެވެ.

ސަރުމާ ވިދާޅުވީ ޒޫ ތަކުގައި ތިބި ޖަނަވާރުން ވެސް މިހާރު ބޮޑެތި މުއްސަނދި މަހުޖަނުން ކުރިއަށްގެންދާ ސިއްރު ޑީލްތަކުން ސަލާމަތްނުވާ ކަމަށެވެ. ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ އާދީއްތަ ދުވަހު މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް އަޑުއުފުލުމަށް ގުވައްޓީގައި ޒޫކައިރި އަށް އެއްވެފަ އެވެ.

މި ޒުލުގައި ގާތްގަނޑަކަށް ދުނިޔޭގެ އެކި ތަންތަނުން 100 ވައްތަރުގެ ޖަނަވާރު (ދޫންޏާއި އަދި އެހެނިހެން ވައްތަރުގެ) ގެންގުޅެ އެވެ. މީގެ ތެރޭގައި އެފްރިކާގެ އެފްރިކަން ލަޔަންސް، ބެންގަލް ޓައިގާސް އަދި ކޮމޮޑޯ ޑްރެގަންސް ހިމެނެ އެވެ.

މުކޭޝް އަންބާނީ އަކީ ދުނިޔޭގެ 12 ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތުގައި 79 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް އިން ބުންޏެވެ.