ނައިރޯބީ (ޖޫން 27) - ކެންޔާގައި ޓެކްސްތައް ބޮޑުކުރުމުގެ ނިޔަތުގައި ޕާލަމެންޓަށް ހުށަހެޅި ފައިނޭންސް ބިލް ރައްޔިތުން ނުކުމެ ހުއްޓުވައިފި އެވެ.

ކެންޔާގައި ޓެކްސްތައް ބޮޑުކުރަން ޕާލަމެންޓަށް ހުށަހެޅީ އެ ގައުމުގެ ދަރަނިތައް ބޮޑުވެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށެވެ. ބިލް ހުށަހަޅާކަން އެނގުމުން ކެންޔާގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ބިލާ ދެކޮޅު ހެދުމަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމަށް ކެމްޕޭނެއް ފަށައިފަ އެވެ. ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު އެ ބިލް ވަނީ ޕާލަމެންޓުން ފާސްކޮށްފަ އެވެ. ބިލް ފާސްކުރާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި ރުޅިގަދަވެފައި ތިބި އާއްމުންގެ ބަޔަކު ވަނީ ޕާލަމެންޓުގައި އަލިފާން ޖަހައި ރޯކޮށްލައިފަ އެވެ. އަންގާރަ ދުވަހުގެ ހަމަނުޖެހުންތަކުގައި ވަނީ 22 މީހުން މަރުވެފަ އެވެ.

ރައްޔިތުންގެ ނުރުހުން އިންތިހާ އަށް ބޮޑުވުމުން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އަށް އެންމެ ފަހުން ވަނީ އެ ބިލް އަނބުރާ ގެނައުމަށް މަޖްބޫރުވެފަ އެވެ. ގައުމާ މުޚާތަބް ކުރައްވާ ރޫޓޯ މިއަދު ވިދާޅުވީ ރައްޔިތުން ތިބި ގޮތް އެނގިވަޑައިގެންފި ކަމަށާއި ޕާލަމެންޓުން އެ ބިލް ފާސްކުރި ނަމަވެސް ގާނޫނަކަށް ހެދުމަށްޓަކައި އެ ބިލްގައި އޭނާ ސޮއި ނުކުރައްވާނެ ކަމަށެވެ.

ކެންޔާގައި ޓެކްސް ބިލާ ދެކޮޅަށް މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނެފައި ވަނީ އެ މީހުންގެ މަގްސަދަކީ އެ ބިލްގައި ރައީސް ސޮއި ނުކުރުން ކަމަަށެވެ. ނަމަވެސް އެ މީހުންގެ ޑިމާންޑްތައް މައްޗަށް ގޮސް މިހާރު ވަނީ ރައީސް ރޫޓޯ އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.