ސަރުކާރުގެ ހަރަދު ކުޑަ ކުރުމާ އެކުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން މާލީ ހާލަތު ރަނގަޅުވެ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސް އިންވެސްޓާސް ސާވިސަސް އިން މިއަދު ބުނެފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ ކްރެޑިޓް ރޭޓިން ދެމުން އަންނަ ބައިނަލްއަގުވާމީ އެޖެންސީއެއް ކަމަށްވާ މޫޑީސް ނިންމާފައި ވަނީ ރާއްޖެއަށް އެންމެ ފަހުން ދިން "ސީއޭއޭ-1″ ރޭޓިން ދެމެހެއްޓުމަށެވެ. މި ރޭޓީން ދަމަހައްޓަން ނިންމީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު މޫޑީސްގެ ރިވިއު ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ރާއްޖެއަށް ދީފައިވާ ރޭޓިން އެންމެ ފަހުން މޫޑީސްއިން ބަދަލު ކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު ވަނީ ކްރެޑިޓް ރޭޓިން ބީ-3 ގެ ދަރަޖައިން ސީއޭއީ-1 ގެ ދަރަޖައަށް ތިރިކޮށްފަ އެވެ.

މޫޑީސް އިން ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކަށް ތާއީދު ކުރާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި މިންވަރާއި ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ މިންވަރުން ޓެކްސްގެ ނިޒާމަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، އިގުތިސޯދީ ހާލަތު އެއް ވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް މޫޑީސް އިން ބުންޏެވެ.

މޫޑީސް އިން ބުނީ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެކު އިގުތިސޯދު ސިންދަފާތު ކުރުމާއި މީހުން ބިނާކުރުމަށް ކުރެވޭ އިންވެސްޓުމަންޓުތަކުން، ކުރިމަގުގައި ކްރެޑިޓް ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މި އަހަރުގެ ރާއްޖޭގެ ރޭޓިން ދަށްކޮށް ރާއްޖެއަށް ވަނީ "ސީސީސީ ޕްލަސް" އެއް ދީފަ އެވެ.

ރާއްޖޭގެ ރޭޓިން ދަށްކުރީ، ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ދަރަނިތައް ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެކަމަކު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، އެކަމުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ ކަމަށް ފިޗް އިން ބުނެފައިވެ އެވެ.