ޖަލުގައި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވެދިން ކަރެކްޝަންސްގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހްސާން ވިދާޅުވީ އެ އޮޕަރޭޝަންތައް ފެށީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ ހަ އޮފިސަރަކު މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަމާވި ފައިސާގެ ތަފްސީލް

  • 18 އޮފިސަރެއްގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި 73.3 މިލިއަން ރުފިޔާ ޖަމާވި
  • އެއް އޮފިސަރެއްގެ އެކައުންޓަށް އެކަނި އަހެރެއްގެ ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެފައިވޭ

އިހްސާން ވިދާޅުވީ އެ އޮފިސަރުންނަކީ ޖޫނިއާ ލެވަލްގެ އޮފިސަރުން ކަމަށާއި ފައިސާ ޖަމާކޮށްފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ އެކައުންޓުތަކުން ކަމަށެވެ.

އެކަމުގައި ބައިވެރިވާ މީހުން ހައްޔަރުކުރަން ފުލުހުން މިރޭ ވަނީ ފަށާފަ އެވެ. މިހާތަނަށް އަށް އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ޖަމާކުރުމުގައި ބައިވެރިވި އެންމެންގެ މައްސަލަ ވެސް ބަލާނެ ކަމަށެވެ.

"މިއަދުގެ ސަރުކާރުގައި ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އެ ބައެއްގެ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލައިފި ނަމަ، އެފަދަ އަމަލެއް އަޅުގަނޑުމެން އެއްވެސް ވަރަަކަށް ޓޮލަރޭޓެއް ނުކުރާނަން،" އިހްސާން ވިދާޅުވި އެވެ.