ދުނިޔޭގެ ޖައްވީ އިދާރާ ނާސާގެ ދެ ސައިންސްވެރިޔަކު ޖައްވަށް ދަތުރުކުރި އުޅަނދުގައި މައްސަލަ ޖެހި އެ ދެ ސައިންސްވެރިން ޖައްވުގައި ތާށިވެއްޖެ އެވެ.

ބޯއިން ކުންފުނިން އުފެއްދި ސްޓާލައިނާ އުޅަނދުގެ އެންމެ ފުރަތަމަ ދަތުރުގައި ބެރީ ވިލްމޯއާއި ސުނީތާ ވިލިއަމްސް ޖައްވަށް ދަތުރު ފެށީ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ.

ނާސާގެ ޖައްވީ ސްޓޭޝަންއަށް ޖެއްސުމަށްފަހު އެ ދެމީހުން ދުނިޔެއަށް އެނބުރި އަންނަން އޮތީ އޭގެ 8 ދުވަސް ފަހުން ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް އެ މީހުން ދަތުރުކުރި އުޅަނދުގައި މައްސަލަތަކެއް ޖެހި ރޭވުމާ އެއްގޮތަށް އެ ދެމީހުންނަށް ދަތުރު ފެށޭ ގޮތްނުވެ ޖައްވުގައި ތާށިވީ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ އުޅަނދުގައި ފަސް ލީކެއް އުޅޭއިރު އެއްކޮށް ބަންދު ނުވާ ވޭލްވްއެއްގެ މައްސަލަ ވެސް ފާހަގަވެފައިވެ އެވެ.

އެ ދެ ސައިންސްވެރިންނަށް އާދެވޭނެ ވަކި ދުވަހެއް އަދި ނޭނގޭއިރު އުޅަނދަށް ޖެހުނު މައްސަލަ ހައްލުކުރަން ނާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.