ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތު އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެބަދަލުތަކަށް މާދަމާއިން ފެނިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

އެގޮތުން ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފަ އެވެ. އެގޮތުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ އަދި ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް ވަނީ މުޅިން އަލަށް ގާއިމްކުރެވިފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވަނީ ގާއިމްކޮށްފަ އެވެ.

ފުލުހުން ބުނީ އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެއް ކަމަށެވެ. އަދި ތަައުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ އައްޔަންކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުންގެ ގަވާނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ހިދުމަތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ޚިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީ ވެސް މުހިންމު ދާއިރާއެއްގެ ގޮތުގައިވަނީ ހިމަނާފަ އެވެ.