ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުން ކަމަށްވާ ކަރީނާ ކަޕޫރު ޚާންއާއި އަބީޝޭކް ބައްޗަން އިންޑިއާގެ އެންމެ ބޮޑު ފިލްމީ ދާއިރާ، ބޮލީވުޑްގައި 25 އަހަރު ފުރިހަމަ ކޮށްފި އެވެ.

ކަރީނާއާއި އަބީޝޭކް ބޮލީވުޑަށް ނުކުމެފައި ވަނީ 2000 ވަނަ އަހަރު ޖޭޕީ ދައްތާ ޑައިރެކްޓްކޮށް ނެރުނު ލޯބީގެ ފިލްމު "ރެފިއުޖީ"އިންނެވެ.

މި މުނާސަބަތު ފާހަގަ ކުރަން ކަރީނާ ސޯޝަލް މީޑިއާއަށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ 24 އަހަރު ތެރޭގައި ގިނަ ރޯލުތަކެއް ކުޅެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ހުންނާނެ ކަމަށެވެ.

އަބީޝޭކްގެ ކާމިޔާބީ ފާހަގަ ކުރަމުން އޭނާގެ ބައްޕަ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އަބީޝޭކް ބޮލީވުޑްގައި ކުޅެފައިވާ ތަފާތު ފިލްމުތަކާއި ދައްކާފައިވާ މޮޅު ހުނަރާމެދު ފަހުރުވެރިވާ ކަމަށެވެ.

ވޭތުވެދިޔަ 24 އަހަރު ފާއިތުވެގެން ދިޔައިރު ކަރީނާއާއި އަބީޝޭކް ވެސް ވަނީ ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން މަޝްހޫރު ފިލްމުތަކެއްގައި ހިއްސާވެ ގިނަ އެވޯޑުތަކެއް ވެސް އެ ދެމީހުންނަށް ލިބިފައިވެ އެވެ.

އެގޮތުން އެ ދެތަރިންނަށް ވެސް ފިލްމު "ރެފިއުޖީ"އިން އެންމެ މޮޅު އަންހެން އަދި ފިރިހެން އާ އެކްޓަރުގެ އެވޯޑު ލިބުނެވެ. އެ ފިލްމުގައި އެ ދެމީހުންގެ އިތުރުން ޖެކީ ޝްރޮފް، ސުނިލް ޝެޓީ އަދި އަނުޕަމް ކޭރް ވެސް ފެނިގެންދިޔަ އެވެ.